އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއަށާއި ބަންޑާރަ ނައިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރަކަށް ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޛު އަހުމަދު އުޝާމް އަލުން ޢައްޔަން ކުރައްވާފައެވެ. އެ މަޤާމުތަކަށް އެ ބޭފުޅުން އަލުން ޢައްޔަން ކުރެއްވީ ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން އެ ތިން ވަޒީރުންނަށް ރުހުން ނުދިނުމުންނެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް ފުރަތަމަ ހުށަހެޅުއްވުމުން ޝަހީމާއި ހައިދަރާއި އުޝާމަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެންބަރުން ވޯޓު ދެއްވިއެވެ. އެއީ މިހާތަނަށް ސަރުކާރަކުން ޢައްޔަން ކުރެއްވި ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރުހުން ނުދިން ފުރަތަމަ ފަހަރެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އިދިކޮޅު މެންބަރުންނާއި ޕާޓީތަކަށް އަމާޒުވެފައެވެ.
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ތިން މެންބަރުން އަލުން އެ މަޤާމުތަކަށް ޢައްޔަން ކުރެއްވުމުން އެކަމާ ގުޅޭ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.