ޚަބަރު

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ސައުދީ ފަންޑުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދީފި


  • އެސްއެފްޑީގެ ޑެޕިއުޓީ ސީއީއޯ އާއި ވަޒީރު ވަނީ ބައްދަލުކުރައްވާފައި

  • ރާއްޖޭގެ މަސްވެރިކަމުގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރެއްވި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެހީތެރިވެދޭނެކަމުގެ ޔަޤީންކަން ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓް، އެސްއެފްޑީން ދެއްވައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ސީއީއޯ ފައިސަލް އަލް ކަހްތާނީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ފަރާތުން މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

ފައިސަލް އަލް ކަހްތާނީ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ ކަންކަން ހާސިލްކުރުމަށް ކުރިއަށްއޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ ސައުދީ އިންޓަރނޭޝަނަލް މެރިން އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ ސީފުޑަށް ޚާއްސަކޮށްގެން ސައުދީ އަރަބިއްޔާގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަނެވެ.

މި އެގްޒިބިޝަނާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ މިއީ ވިޔަފާރީގެ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން މައުލޫމާތު ހިއްސާކުރުމަށް ލިބޭ މުހިއްމު ޕްލެޓްފޯމެއް ކަމަށެވެ.