ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އައު ވެބްސައިޓު ވެގެންދާނީ ރައްޔިތުންނާއި އެވުޒާރާ ގުޅުވާލަދޭނެ ޕްލެޓްފޯމަކަށް ކަމަށް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެވުޒާރާގެ އައު ވެބްސައިޓް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ. މިވެބްސައިޓް އިފްތިތާހްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ ނައިބު އަހުމަދު އިރުފާޙުއެވެ.
ވެބްސައިޓް ތައާރަފު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު އުމަރު ވަނީ ވެބްސައިޓު ތައްޔާރު ކުރުމަށް އަހުމަދު އިރުފާޙު ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެވުޒާރާ އުފެދުނުތާ ގިނަ ދުވަސްތައް ނުވަނީސް އަމިއްލަ ވެބްސައިޓެއް ތައާރަފުވެގެންދިއުމަކީ އެ ވުޒާރާގެ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތް ސާބިތުވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އަލަށް ތައާރަފުކުރި ވެބްސައިޓު އިތުރަށް އަޕްގްރޭޑު ކުރައްވާނެ ކަމަށާއި، އެ ވެބްސައިޓު މެދުވެރިކޮށް އާންމުން ހިއްސާކުރަން ބޭނުންވާ ކަންކަން ހިއްސާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އިނގިރޭސިބަހުން ވެބްސައިޓުން މައުލޫމާތު ލިބޭގޮތަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށާއި އެ ވެބްސައިޓާއެކު ސިޓީތަކާ ބެހޭ ވުޒާރާއާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް ވެފައި މިއޮތީ ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންނާ ވަރަށް ގުޅިގެން، ރައްޔިތުންގެ ކަންބޮޑުވުންތައް ރަނގަޅަށް ހިއްސާ ކުރެވޭނެ ގޮތެއްގެ މަތިން އަޅުގަނޑުމެން މިކަންކަން ކުރިއަށްގެންދިއުން. އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކީ މި ވެބްސައިޓް މެދުވެރިކޮށްވެސް ރައްޔިތުންނާ އަޅުގަނޑުމެންނާ ވަރަށް ބޮޑަށް ގުޅި ލާމެހިގެން އަދި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ މެސެޖުތަކާއި ފީޑްބެކްތައް ލިބޭނެ ގޮތެއްގެ މަތިން ވެބްސައިތް އިތުރަށް އަޕްގްރޭޑް ކުރެވިގެންދާނެ،" އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު ވަނީ އައު ވުޒާރާއެއްގައި މަސައްކަތް ކުރާއިރު ސަރުކާރުން އެ ވުޒާރާ އުފައްދަވާފައިވާ މަޤްސަދު ހާސިލް ކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ރަށްރަށުގެ ކައުންސިލްތަކުގައި ކުރަން ހުރި ކަންކަމާއި ރައްޔިތުންނާއި ސަރުކާރާ ގުޅުވާލަދިނުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގިނަ ކަންކަން ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެންނަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.
ސިޓީތަކާ ބެހޭ ވުޒާރާއިން އަލަށް ތައާރަފު ކުރި ވެބްސައިޓަކީ އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކާއި ފޮޓޯ އާއި ވީޑިއޯ އަދި ޚަބަރާއި މައުލޫމާތު އާންމުނަށް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.