ޚަބަރު

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި


  • އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ޖެނުއަރީ 28 ގައި

  • 10 ދުވަސް ދިނުމަށްފަހު އެންމެ އަވަހަށް ބާއްވާ ޖަލްސާއަކަށް މައްސަލަ އެޖެންޑާ ކުރަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، ނައިބު ރައީސް އަޙްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެ ދެ ބޭފުޅުންނަށް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ދެ ބޭފުޅުންނަށް ވެސް ނޯޓިސް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމް/ޕީއެންސީންނެވެ. އެ މައްސަލަ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި އަމިއްލަ ބައެއް މެންބަރުންގެވެސް ސޮޔާއެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުގައެވެ. އެހެންކަމުން މިހާރު ތިބި މެންބަރުންގެ އަދަދަށްބަލާއިރު މި މައްސަލަ ހުށަހެޅުމަށް ބޭނުންވަނީ 22 މެންބަރުންގެ ސޮޔެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ އެ ދެބޭފުޅުން ނުފޫޒު ބޭނުންކޮށްގެން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައިވެސް މަޖިލީހުގެ ރިޔާސަތުން އަމަލުކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ޤަނޫނުއަސާސީއާ ޚިލާފަށް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައިގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭނެއެވެ. އަދި އެނޯޓިހުގެ ތާރީޚުން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރަންޖެހޭނެއެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ އެކަމަށްޓަކައި ނަގާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިޚާބުވެވަޑައިގެންނެވީ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބުވެވަޑައިގަތީ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.