ޚަބަރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން މާދަމާ


  • ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 9:00އަށް

  • ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރައްވާނެ ކަންކަން ހިއްސާކުރައްވާނެ

  • މާދަމާ މަޖިލީހުގެ އިތުރު ޖަލްސާއެއް ވެސް ބާާއްވަން ވަނީ ތާވަލުކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން މާދަމާ އިއްވަވާނެއެވެ.

ރިޔާސީ ބަޔާނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހިވަޑައިގަންނަވާ ބަޔާނެކެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ދައުރު ފަށާ ޖަލްސާއެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އެ ޖަލްސާގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިސް ދައުރު ފަށާ ޖަލްސާގައި އިއްވަވާ ރިޔާސީ ބަޔާނަކީ ޤައުމުގެ ހާލަތު ބަޔާންކޮށްދެއްވައި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވައިލައްވާ ބަޔާނަކަށް ވާންވާނެކަމަށެވެ.

މިއީ ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ވާއިރު އެ މަނިކުފާނުގެ ބަޔާނުގައި ސަރުކާރުން ދިވެހިރާއްޖެގެ ތަރައްގީއަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ބަޔާންކުރައްވާނެއެވެ.

އެހެން އަހަރުތަކުގައި ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ދުވަސް ބަންދު ނުކުރުމަށް ނިންމަވާފައެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މަޖިލިސް ތައްޔާރުވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށްފަހު ދައުރުގެ ދެވަނަ ޖަލްސާވެސް މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ. އެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މެންދުރުފަހު 2:00 ގައެވެ. މި ޖަލްސާގައި އިންތިޚާބުތަކުގެ އާންމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހާޅާފައިވާ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.