ޚަބަރު

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ނިންމައި، ނަތީޖާ އިއުލާންކުރަން ފަށައިފި


  • 40 ދާއިރާއެއްގެ ޕްރައިމަރީ ކުރިއަށްދިޔަ

  • ވޯޓުލުން ކުރިއަށްދިޔައީ ހަވީރު 5:00 އާ ހަމައަށް

އެމްޑީޕީ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ނިންމާ، ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.

އެ ޕާޓީން ވޯޓުލުން ކުރިއަށްގެންދިޔައީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ބައެއް ފޮށިތަކުގައި ކަނޑައަޅާފައި އޮތް ގަޑިއަށްވުރެ ކުރިން ވޯޓުލުން ފެށި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީން ވަނީ 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެވެ. މިޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާއިރު 95 ރަށެއްގައި ވޯޓު ފޮށި އަދި މާލޭގައި 27 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަށްވެސް ވާދަކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ. މީގެތެރެއިން 49 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައިވަނީ ކަށަވަރުވެފައެވެ. މިދާއިރާތަކުގައި ޕްރައިމަރީ ނުބޭއްވީ ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތުގައި އެންމެ މީހަކު ކުރިމަތިލާފައިވާތީއެވެ. އަދި 4 ދާއިރާއަކަށް މިހާތަނަށް އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ އެ ދާއިރާތަކަށް މީހުން ހޯދާނެ ކަމަށް އެމްޑީޕީންވަނީ ބުނެފައެވެ.