ޚަބަރު

ވިލިމާލޭގެ މޫދަށް އެރޭ ސަރަޙައްދު ޙިމާޔަތްކުރުމަށް ނިންމަވައިފި


  • ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން

  • އާއްމު ރައްޔިތަކު ވަނީ މޫދަށް އެރެން އޮންނަތަނާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައި

  • ގިނަ ބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެއްނަމަ ސަރުކާރުން އެކަމަކަށް އިސްކަންދެއްވާނެ

ވިލިމާލޭގައި ޢާއްމުން މޫދަށް އެރުމަށް މިހާރު އޮތް ހަމައެކަނި ސަރަޙައްދު ޙިމާޔަތްކޮށް، އެތަަނަކީ ރައްކާތެރި ތަނެއްކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

ވިލިމާލެ މޫދަށް އެރޭ ސަރަހައްދަށް ގެންނަން ފެންނަ ބަދަލުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ހިޔާލު ހުށަހެޅުއްވީ ނ.ކުޑަފަރީ، ލަކީކޯނަރ، ޒޫނާ ނަސީމްއެވެ. އޭނާ ވަނީ ވިލިމާލޭގައި މިހާރު ކުޑަކުދިންނާއި ޢާއްމުން މޫދަށް އެރިލަން އޮތް ހަމައެކަނި ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް އެދިފައެވެ. އަދި ކުޑަކުދިންނާއި ޒުވާނުން މޫދަށް އެރި އުޅޭ ވަގުތުތަކުގައިވެސް އެސަރަޙައްދުގައި ކަނޑު އުޅަނދުތައް ދުއްވާކަންވެސް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައެވެ.

މޫދު ކުޅިވަރުގެ ދާއިރާ ކުރިއަރުވާ އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގައި އުޅޭ ޒޫނާ ވަނީ މޫދު ކުޅިވަރުގެ ދާއިރާއާ ގުޅޭ ޚިދުމަތްތައް ވިލިމާލޭގައި ޤާއިމްކުރުމަކީވެސް އެކަމުގެ ފައިދާ ރައްޔިތުންނަަށް ލިބޭނެކަމެއްކަން ފާހަގަކޮށްފައެވެ.

ޒޫނާގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގިނަ ބައެއްގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެއްނަމަ ސަރުކާރުން އެކަމަކަށް އިސްކަންދެއްވާނެކަމަށެވެ. އަދި ވިލިމާލޭ ޢާއްމުން މޫދަށް އެރޭނެ މާގިނަ ސަރަޙައްދުތަކެއް ނެތުމުން ވިލިމާލޭގައި މިހާރު މޫދަށް އެރެން އޮތް ސަރަޙައްދު ޙިމާޔަތްކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވިއެވެ.

"ވިލިމާލޭގައި ނެތް މާގިނަ ސަރަޙައްދެއް މޫދަށް އެރޭނެ ތަންތަނެއް. ޒޫނަ ތިވިދާޅުވިގޮތަށް ވިލިމާލޭގައި އެސަރަޙައްދު މޫދަށް އެރެވޭގޮތަށް ޙިމާޔަތްކުރުމަކީ މުހިއްމުކަމެއް. އެއީ ގިނަ ބަޔަކަށް ފައިދާކުރާނެކަމެއް ކަމުގައިވާތީ އެކަން ކުރަން ނިންމާފައިވާކަމެއްކަމުން ޒޫނާގެ ރިކުއސްޓާއެއްގޮތަށް އެކަން ހަމަޖެހިގެންދާނެ. " ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫދު ކުޅިވަރުތަކާއި ގުޅޭ އެކި އެކި ތަމްރީންތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ ވަޞީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޤާއިމުކޮށްދެއްވާނެކަމަށެވެ. އަދި އެކަމުގައި ވަކި ފަރާތެއް ތަފާތުކުރުމެއް ނެތި ފުރުސަތުވެސް ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ވިލިމާލޭގެ އިތުރުން މިކަމަށް ބޭނުންވާ ބިން މާލޭގެ އެހެނިހެން ސަރަޙައްދުތަކުންވެސް ޖަގައޮތް ދިމަދިމާލުގައި ހަމަޖައްސާދޭނަން." ރައީސް ވިދާޅުވިއެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" އަކީ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ރައީސް އޮފީހުން ވިދާޅުވީ ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވަމުން ގެންދަވާނެކަމަށެވެ.