ޚަބަރު

ވިޝާމް އަވަހާރަވުން، ޤާނޫނީ ދާއިރާއަށް ފުން ހިތާމައެއް!


  • ވިޝާމް އަވަހާރަވިއިރު އުމުރުފުޅަކީ 39 އަހަރު

  • 2009 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގައި ޚިދުމަތް ކުރެއްވި

  • ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުން

ބާ ކައުންސިލްގެ ރައީސްގެ މާގާމުގައި ހުންނެވި އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ކުއްލިގޮތަކަށް ވިޝާމް އަވަހާރަވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ39 އަހަރެވެ.

ވިޝާމް އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ. މީގެ ތެރޭގައި ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ދައުލަތުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށެވެ. އަދި ގެއްލިގެން ދިޔައީ ޤައުމަށް ޚިދުމަތްތެރި ތަޢުލީމީ ދަރިއެއް ކަމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުވެސް ވަނީ ވިޝާމް އަވަހާރަވުމަކީ ޤާނޫނީ ދާއިރާއަށް ލިބިގެންދިޔަ ހުސްކަމެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ރާއްޖޭގެ ޤާނޫނީ ދާއިރާ ކުރިއަރުވަން ޒުވާން އުމުރުފުޅުގައި ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިޝާމްއާއި އަރިސް ބޭފުޅުން އޭނާ ސިފަ ކުރައްވަނީ ގާބިލު ވަކީލެއް އަދި ރަނގަޅު އެކުވެރިއެއްގެ ގޮތުގައެވެ. ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ވިޝާމް ހުންނެވިއިރު ރާއްޖޭގެ ޤާނޫނީ ފަންނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިކަން އެ ކައުންސިލުން ވެސް ފާހަގަކުރެއެވެ. އަދި އެއީ ޤާނޫނީ ވަކީލުންގެ މަސައްކަތަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވެސް އެ ކައުންސިލުން ފާހަގަކުރެއެވެ.

ވިޝާމް އަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޤާނޫނީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޤާނޫނީ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައި ވިޝާމް ވަނީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނައިބުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ވިޝާމް އިންތިޚާބުވެވަޑައިގެންނެވީ އެ ކައުންސިލްގެ ދެވަނަ ދައުރުގައި 11 ޖޫން 2022 ގައެވެ. ވިޝާމް އަކީ 2011 ވަނަ އަހަރުން ފެށިގެން ޗާޓަޑް އިންސްޓިޓިއުޓް އޮގް އާބިޓްރޭޓާސް ގެ އެސޯސިއޭޓް މެންބަރެއްވެސްމެއެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައި ވިޝާމް މަސައްކަތް ފެއްޓެވީ ސުއޫދު އެންޑް އަންވަރު ލޯ ފާމުންނެވެ. އެއަށްފަހު 2016 ވަނަ އަމިއްލަ ލޯ ފާމު ކަމަށްވާ، ވިޝާމް، ޒާހިރު އެންޑް ކޯ އުފެއްދެވިއެވެ.

މީގެ އިތުރުން ވިޝާމް ގެންދެވީ ވިޔަފާރިއާއި ކޮމާޝަލް ލޯގެ ދާއިރާއިން ދަރިވަރުންނަށް ޕާޓް ޓައިމްކޮށް ކިޔަވައިދެއްވަމުންނެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ.