ޚަބަރު

ހިއްކާފަ ގޯތިދޭނެ ސަރަޙައްދުތަކުގެ ލޭންޑްޔޫސް ޕްލޭން އޮތީ ފައިނަލް މަރުހަލާގައި: ޑރ. ޙައިދަރު


  • މީހުން އާބާދުވަނީ ރަނގަޅު ލޭންޑް ޔޫސް ޕްލޭނަކާ އެކު

  • 1114 މީހެއްގެ ގޯތީގެ ރަޖިސްޓްރީ ދޫކުރާނެ

  • ކޮންމެ ދުވަހަކުވެސް 50 މީހުންނަށް ރަޖިސްޓްރީ ދޫކުރޭ

މާލޭގެ ރައްޔިތުންނަށް ގޯތި ލިބިފައިވާ ސަރަޙައްދުތަކުގައި މީހުން އާބާދުކުރާނީ ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާ ސަރަޙައްދަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައެވެ. ގޯތީގެ ރަޖިސްޓްރޭޝަން ދޫކުރުމުގެ މަސައްކަތް ކުރަމުން ދަނީ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ގޯތި ލިބޭ މީހުންގެ ލިސްޓް ފައިނަލްކޮށް ބައެއް މީހުންނަށް ގޯތި ހަވާލުކޮށްފައި އޮތްނަމަވެސް އަދިވެސް ގޯތީގެ ރަޖިސްޓްރީ ހަވާލުނުކުރާ މީހުން އެބަތިބިކަމަށެވެ.

ވަޒީރު ވިދާޅުވީ ގޯތި ތައްދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތަކަކީ ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއް ނުހެދި އޮތް ސަރަޙައްދުތަކެއްކަމުން އެތަންތަނުން ގޯތި ލިބުނުމަވެސް ރައްޔިތުންނަށް އެތަންތަނުގައި އާބާދުވެ އުޅުމާކީ އުނދަގޫކަމަށް ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ހިއްކަމުންދާ ސަރަޙައްދުތަކުގައި މީހުން އާބާދުކުރުވާނީ ރަނގަޅު ލޭންޑް ޔޫސް ޕްލޭންއަކާ އެކުގައި ކަމަށާއި، ބައެއް ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ފައިނަލް ކުރުމުގެ މަރުހަލާގައި އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށްގެން ނޫނީ އެތަނުގައި މީހުންނަކަށް ދިރިއެއް ނޫޅެވޭނެ. މިސްކިތްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތައް އެހެނިހެން ކުޅިވަރުގެ ވަޞީލަތްތަކަށްވެސް ބިން ކަނޑައަޅައިގެން ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއް އެ އޮތީ ތައްޔާރުކޮށްފައި. ފާސްކުރުމުގެ މަރުހަލާގައި." އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ.

ސަރުކާރު ހަވާލުވިއިރު ގިރާވަރު ފަޅާއި، ގުޅީފަޅު އަދި ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމިފައިނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ބާރު ދުވެލީގައި އެތަންތަން ހިއްކުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އެތަންތަން ހިއްކުމަށްފަހު ގޯތި ލިބިފައިވާ މީހުންނަށް ގޯތީގެ ސައިޒަށް ބަދަލެއް ނުގެނެސް އެ އޮތްގޮތަށް ހަވާލުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ. ނަމަވެސް މިހާތަނަށް އައިރުވެސް ގޯތީގެ ރަޖިސްޓްރީއައި ބިން ހަވާލުކޮށްފައި ނުވާ މީހުން އެބަތިއްބެވެ. އަދި މިހާރު ކުރިއަށް ދަނީ ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓްރީ ހަވާލުނުކޮށް ތިބި 1114 މީހަކަށް ރަޖިސްޓްރި ހަވާލުކުރުމުގެ މަސައްކަތެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިސްމާޢިލް އިނާޝް ސަޢީދު ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތްތައް ބަންދު ދުވަސްތަކުގައިވެސް ކުރިއަށް ގެންދާނެކަމަށެވެ. އަދި އަމާޒަކީ ކޮންމެ ދުވަހަކުވެސް 50 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުންކަމަށެވެ.

"ވީހާވެސް އަވަހަކަށް މި މަސައްކަތް ނިންމޭތޯ މަސައްކަތް މިކުރަނީ . ފޯނު ނުންގަވާ ބޭފުޅުންނާއި، ފޯނަށް ނުގުޅޭ ބޭފުޅުންނަށްވެސް ގޯތީގެ ރަޖިސްޓްރޭޝަން ހަވާލުކުރަނީ ކަނޑައެޅިފައިވާ ތަރުތީބަކުންކަމަށް. " ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޕޮލިޓިކަލް ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިސްމާޢިލް އިނާޝް ސަޢީދު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު ހުޅުމާލެއިން ގޯތި ލިބުނު މީޙުންގެ ބިން ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.