ޚަބަރު

މިއަހަރުގެ ތެރޭގައި ހުރިހާ އިމާމުން ތަމްރީންކޮށް ނިންމުމަކީ އަމާޒެއް: ޑރ. ޝަހީމް


  • މި ތަމްރީން ޕްރޮގްރާމްގައި 9 މާއްދާއެއް ހިމަނާފައިވޭ

  • ފުރަތަމަ ޕްރޮގްރާމް އަންނަ މަހުގެ 10 ވަނަ ދުވަހު ގއ. ގެމަނަފުށީގައި ފަށާނެ

  • މާސްޓަަރސްއާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕް ދޭނެ

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ތެރޭ ހުރިހާ އިމާމުން ތަމްރީންކޮށް ނިންމުމަކީ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް މުޙައްމަދު ލަޠީފެވެ.

އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދިނުމަށް ހިމަނާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ ކަރިކިއުލަމް ތައްޔާރުކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ސީދާ އިރުޝާދުގެ ދަށުންނެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެންމެ ފުރަތަމަ ތަމްރީން ޕްރޮގްރާމް އަންނަ މަހުގެ 10 ވަނަ ދުވަހު ގއ. ގެމަނަފުށީގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގައި ކިޔަވައިދޭ މާއްދާތައް:

1. އަޤީދާއާއި އިސްލާމީ އަޚްލާޤު
2. ތަޖުވީދު: ތިއޮރީ އަދި ޕްރެކްޓިސް
3. މުޖުތަމަޢު ބިނާކުރުމުގައި މިސްކިތުގެ ދައުރު
4. އަޅުކަމުގެ ފިޤުހު: ޙުކުމްތަކާއި އަސާސުތައް
5. ކީރިތި ޤުރުއާނުގެ ތަފްސީރާއި ޤުރްއާނަށް ތަދައްބުރުކުރުން
6. ޤުރްއާނިކް ޢެރެބިކް
7. ޙަދީޘާއި އިސްލާމީ ޘަޤާފަތް
8. ޢުލޫމުލް ޤުރްއާނަށް މަގެއް
9. ދަޢުވާގެ އުޞޫލުތަކާއި ޚިޠާބާ

ވަޒިރު ވިދާޅުވީ އިމާމުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 77 އިމާމުން ބައިވެރިވާނެކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ފައުންޑޭޝަން އަދި ޑިޕްލޮމާ ކޯސްތަކުގައި ކިޔަވައިދޭ މިންވަރަށް ވަރަށްވުރެ އެތައް ގުނަ ފުރިހަމަ ޢިލްމީ މަޢުލޫމާތުތައް އިމާމުންނަށް ފޯރުކޮށްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމްގެ ބޭނުމަކީ އިލްމީގޮތުން ފުންނާބު އުސް ވަރުގަދަ އިމާމުންތަކެއް އުފެއްދުންކަމަށާއި، މިއަހަރުގެ ތެރޭގައި ހުރިހާ އިމާމުން ތަމްރީންކޮށް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެ ކަމަށާއި، މާސްޓަރސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުޞަތުވެސް ދޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މެލޭޝިއާއާއި، މިސްރާއި، ސަޢުދީ ޢަރަބިއްޔާއާއި ބުރޫނައީއާއި މޮރޮކޯ އަދި އިންޑޮނޭޝިއާއިންވެސް އިމާމުން ތަމްރީންކުރައްވަނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތައިލެންޑޭ މި ދެންނެވީ ތައިލެންޑުގައި ވެސް އެބަހުރި ވަރަށް ވަރުގަދަ އިސްލާމިކް ޔުނިވާސިޓީއެއް. އެއީ މިސްރާއި ސައުދީ އަރަބިއްޔާ އާއި މެލޭޝިއާ ތަންތަނުން އަޅުގަނޑުމެންނާ އެއްކޮށް ކިޔަވަން ތިއްބެވި ބައެއް ބޭފުޅުންނާއި އަޅުގަނޑުމެންނަށް ވުރެ ދޮށީ ޖީލުގެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ގައުމަށް އެނބުރި ވަޑައިގެން އުފައްދަވާފައިވާ ތައުލީމީ މުއައްސަސާތައް އެބަހުރި." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމއެކެވެ.

މިއީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.