އޭއެފްސީ އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލް ޖާގަތައް މުބާރާތް ބާއްވާ ގަތަރާއި ޖޯޑަންއިން ހޯދައިފިއެވެ.
ކުއާޓާގެ ޖާގައެއް ގަތަރުން ހޯދީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ފަލަސްތީން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އަލް ބައިތު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ފަލަސްތީނުންނެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ދަބާގެވެ. މި ލަނޑު ޖެހުމަށްފަހު ފަލަސްތީން ކުޅުންތެރިން ވަނީ އިސްރާއީލުން އެ ގައުމުގައި ހިނގަމުންދާ ލާއިންސާނީ ކަންކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން އަތުގައި ބިިޑި އަޅުވާފައިވާ އިޝާރާތެއް ދައްކާފައެވެ.
މި މެޗުގައި ގަތަރުން ނަތީޖާ އެއްވަރުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހަސަން އަލް-ހައިޑޯސްއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަފީފް ވަނީ އިތުރު ލަނޑެއް ޖަހައި، ގަތަރަށް ލީޑު ނަގައިދީފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ކުއާޓާގެ ޖާގައެއް ޖޯޑަންއިން ހޯދީ އިއްޔެ ކުޅުނު ދެވަނަ ބުރުގެ މެޗުގައި އިރާގް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖޯޑަންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަޒާން އަލް-ނައިމަތެވެ.
އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި އިރާގުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސާދު ނާތިގެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި އައިމަން ހުސެއިން ވަނީ ލަނޑެއް ޖަހައި، ިއރާގަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އެ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން ދެއްކި އިޝާރާތަކާ ގުޅިގެން ރެފުރީ ވަނީ އައިމަނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
މި މެޗުގައި ޖޯޑަންއިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޔަޒާން އަލް-އަރަބް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ މިނެޓެއް ފަހުން ޖޯޑަންގެ ހަމްޒާ އަލް-ދަރްދޯރަށް ސީދާ ރަތް ކާޑެއް ދެއްކި ނަމަވެސް، އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި އެ ޓީމުގެ ނިޒާރް އަލް-ރަޝްދާން ވަނީ ލަނޑެއް ޖަހައި، މި މެޗުން ޖޯޑަން މޮޅުކޮށްދީފައެވެ.