ޚަބަރު

ކޮލިޓީ ދަށްވުމުން ސްރީލަންކާއިން ރާއްޖެ އެތެރެކޮށްފައިވާ ޕެނެޑޯލް ނުވިއްކުމަށް އަންގައިފި


  • މިކަން ފާހަގަވީ ރޭންޑަމްކޮށް ހެދި ޓެސްޓުތަކެއްގައި

  • މަނާކޮށްފައިވަނީ ލަންކާގެ ސްމިތްކްލިން ބީޗަމް ކުންފުނިން އުފައްދާފައިވާ ޕެނެޑޯލް

  • ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވޭ

ކޮލިޓީ ދަށްވުމުގެ ސަބަބުން ޕެނެޑޯލްގެ ވަތްތަރެއް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އަންގަވައިފިއެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި އެމް.އެފް.ޑީ.އޭއިން އަންނަނީ ފޯސްޓް މާރކެޓް ސާވައިލަންސް ޕްލޭން އެއް ހަދާ، އެ ޕްލޭނާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގާ، ބޭހުގެ ކޮލިޓޭޓިވް އަދި ކޮއަންޓީޓޭޓިވް ޓްސްޓުތައް ކުރަމުންނެވެ.

މިގޮތުން މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ސްރީލަންކާގެ ސްމިތްކްލިން ބީޗަމް ކުންފުނިން އުފައްދާފައިވާ ޕެނެޑޯލް 500 މިލިގްރާމްގެ ބޭސް ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، އާއްމުގޮތެއްގައި ބޭސް ގުޅައަށް މިހެން ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާ ކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުންކަމަށެވެ. އަދި މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

މިބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އެ އޮތޯރިޓީގެ ފަރާތުން ދަނީ ބަލާ ދިރާސާ ކުރަމުންނެވެ. އެހެންކަމުން ވަކި ގޮތެއް އަންގަންދެން، ފާމަސީތަކުންނާއި، އާއްމު ފިހާރަތަކުން މިވަގުތު މިބޭސް ނުވިއްކުމަށް އެމްއެފްޑީއޭއިންވަނީ އަންގަވާފައެވެ.

މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން "ރެސްޓްރިކްޓް" ކުރެވިފައިވާ ކަމަށާއި، މިވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާއްމު ފިހާރަތަކުގައި ހުރި މި ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެއްޓުމަށް އެ އޮތޯރިޓީއިން ވަނީ އަންގަވާފައެވެ.

މި ޕެނެޑޯލަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބޭހެވެ. މި ބްރޭންޑުގެ އިތުރުން ޕެރެސެޓަމޯލް 500 މިލިގްރާމްގެ އިތުރުން 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގް ލިސްޓުގައި ހިމެނޭކަން އެމްއެފްޑީއޭއިން ފާހަގަކުރައްވައެވެ.