އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކުލަބު ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ގުރޫޕު ބީގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ ޓެންޓް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުގެ ތިން ލަނޑުވެސް ޖަހައިދިނީ އެ ޓީމަށް ކުޅެމުން އަންނަ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫއެވެ. މި މެޗަށް ނިކުތް އިރުވެސް ކުއާޓާ ފައިނަލުގެ ޖާގައެއް ދެ ޓީމުން ޔަގީންކޮށްފައިވާއިރު، ދެ ޓީމުންވެސް މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ.
އެކަމަކު މެޗުގެ ވަރަށް ކުރީކޮޅު ނިއު ރޭޑިއަންޓުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިން ހަތަރުވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީ ކޯފީއެވެ. އެކަމަކު މާ ގިނައިރުތަކެއް ނުވެ ޓެންޓުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަޙްމަދު ރިލުވާންއެވެ.
މި މެޗުގައި ނިއު ރޭޑިއަންޓުން އަލުން ލީޑު ނެގީ މެޗުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯފީއެވެ. އަދި މެޗު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް ކޯފީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި ނަތީޖާއާއެކު ނިއު ރޭޑިއަންޓަށް ގުރޫޕު ބީގެ އެއްވަނަ ލިބުނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓެންޓަށް ލިބުނީ ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ތިންވަނައިގައި އޮތް ބީޖީ ސްޕޯޓްސް ކުލަބަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ޕޮއިންޓެއް ނުލިބި އޮތް ދެ ޓީމު ކަމަށްވާ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ކުލަބު ޓީނޭޖް އަންނަ ހުކުރު ދުވަހު ވާދަކުރާނެއެވެ.
މި ނަތީޖާއާއެކު ކުއާޓާ ފައިނަލުގައި ނިއު ރޭޑިއަންޓް ވާދަކުރާނީ ތިންވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމުގެ ތެރެއިން ދެވަނަ ޓީމާއެވެ. އަދި ކުއާޓާގައި ޓެންޓް ނިކުންނާނީ ގުރޫޕު ސީގެ ދެވަނަ ޓީމާ ދެކޮޅަށެވެ.