ޚަބަރު

ލ. އަތޮޅުގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރާނެ ރަށް ކަނޑައެޅުމުގެ ދިރާސާ ފަށައިފި


  • މިމަރުކަޒު ގާއިމުކުރަނީ ލ. އަތޮޅާއި ކ. ކާށިދޫ އާއި ނ. ވެލިދޫގައި

  • ލ. އަތޮޅުގައި ސެންޓަރު ގާއިމު ކުރާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ދަނީ ކުރަމުން

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ރިހެބިލިޓޭޝަން ފަރުވާދޭން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ ސެންޓަރުތައް ގާއިމުކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ދިރާސާތައް ކުރަމުން އަންނަ ކަމަށް އެއެޖެންސީން ހާމަކޮށްފިއެވެ.

ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒުތައް ގާއިމު ކުރުމަށް ނިންމާފައިވަނީ ކ. ކާށިދޫ އާއި ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

އެންޑީއޭއިން ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާން ކުރާފަދަ، ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޤާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން، ލ. އަތޮޅުގައި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް، އެންޑީއޭއިން ވަނީ މި މަހުގެ 24 އިން 28 އަށް އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށް ކައުންސިލްތަކާއި ބައްދަލުކޮށްފައެވެ.

މިދިރާސާ ދަތުރުގައި އެންޑީއޭގެ ސީއީއޯ އިމާދް ސާލިޙް އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އިސްމާއިލް އިބްރާހީމް ބައިވެރިވެ ވަޑައިގެންފައެވެ.

ލ.އަތޮޅުގައި ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެ ރަށެއް ކަނޑައަޅާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެންޑީއޭއިން ހާމަކުރެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދޭން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ ސެންޓަރުތައް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.