ޚަބަރު

އަތޮޅުތައް ކްލަސްޓަރކޮށް، ޙާލަތު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން: އާދަމް ޝަރީފް


  • މި މަސައްކަތް ކުރަނީ ހަރުދަނާ ސިސްޓަމެޓިކް ނިޒާމެއްގެ ތެރެއިން

  • ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގިނަ ނިންމެވުންތަކެއް ރައީސް ވަނީ ނިންމަވާފައި

އަތޮޅުތަކުގެ ޙާލަތު ދެނަގަތުމަށް، އަތޮޅުތައް ކްލަސްޓަރކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ކ. ތުލުސްދޫގައި 1 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި ބާރުވެރިކުރުވުމާއި ގުޅޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން ފަށްޓަވާދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އާދަމް ޝަރީފް ވިދާޅުވީ، އައްޑޫ ސިޓީއާއި މާލެ ސިޓީގައި ކައުންސިލްތައް ބާރުވެރިކުރުވުމާއި ހަރުދަނާކުރުމަށް މަސައްކަތު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އަދި ބ. އަތޮޅަށް ކުރެވުނު ދަތުރުފުޅުގައިވެސް، އެ އަތޮޅުގެ ކައުންސިލްތަކަށް ދިމާވާ ދަތިތައް ދެނެގަތުމަށް މަގުފަހިވިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުވެސް ވުޒާރާއިން އަންނަނީ ކައުންސިލްތަކުގެ އަޑު އަހާ، މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އަތޮޅުތަކުގެ ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ކްލަސްޓަރކޮށް، ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތެއް މިހާރު ވުޒާރާއިން ފަށްޓަވާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދަނީ ހަރުދަނާ ސިސްޓަމެޓިކް ނިޒާމެއްގެ ތެރެއިންކަމަށްވެސް ސިޓީތަކާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވުޒާރާއިން ރައްޔިތުންގެ ޙާލަތު ދެނެގަތުމަށްޓަކައި، އަތޮޅުތައް ކްލަސްޓަރ ކުރެވިގެން، އެ ކްލަސްޓަރގެ ތެރެއިން ރަށްރަށުގެ ޙާލު ދެނެގަތުމަށް ކުރެވެންހުރި ކަންތައްތައް ނިޒާމެއްގެ ތެރެއިން މިދަނީ ކުރަމުން." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ ނިންމެވުންތަކެއް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ލާމަރުކަޒީ ނިޒާމާއި ގުޅޭ ވުޒާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ، މި ނިޒާމު ވަރުގަދުކުރުމުގެ ޢަޒުމުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި އެންމެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ކައުންސިލްތަކަށް ޢާމްދަނީ ލިބޭނެ މަސައްކަތްތައްކުރުމަށް ފަޅާއި ފަޅުރަށް ދޫކުރުމަށް ނިންމަވާފައި ކަމަށެވެ. އަދި ހުޅުމާލޭގެ ޢާންމު ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލްތަކަށް ދިމާވާ މައްސަލަތަކާއި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ހުރި ގޮންޖެހުންތަކާއި، ނިޒާމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވިމާއި، ތަމްރީނުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، ދައުލަތުގެ އެކި މުއައްސަސާތައް ބައިވެރިވާކަމަށް އެލްޖީއޭއިން މަޢުލޫމާތު ދެއްވައެވެ.