ޚަބަރު

ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް މަސައްކަތް އިތުރު 3 އަހަރަށް ޗައިނާއިން ހިލޭ ކޮށްދެނީ


  • ބްރިޖްގެ މަސައްކަތް ނިމިފައިވަނީ 2018 ގައި

  • އެގްރިމަންޓްގައި އޮތީ 2 އަހަރަށް ޗައިނާއިން މެއިންޓަނެންސްގެ މަސައްކަތް ކުރުމަށް

  • ފަހުން އިތުރު 3 އަހަރަށް މެއިންޓަނެންސް މަސައްކަތް ކުރުމަށް ހުށައެޅި

  • އޭރުގެ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރައްވާފައެއް ނުވޭ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް ނިންމާފައިވާކަމަށާއި މިކަމާއި ގުޅޭ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫޢު ނިންމައި ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބްރިޖް 2018 ވަނަ އަހަރު ނިމުނުއިރު ކޮންޓްރެކްޓްގައި އޮތީ 2 އަހަރު ދުވަހަށް ޗައިނާ ސަރުކާރުން ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކުރުމަށްކަމަށެވެ.

އެ އެގްރިމަންޓް ހަމަވެފައިވަނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ. ވަޒީރު ވިދާޅުވީ، އެ މުއްދަތު ހަމަވުމަށްފަހު ކުނިކަހައި ސާފުކުރުން ފިޔަވައި އެތަނުގައި މެއިންޓަނަންސްގެ މާބޮޑު މަސައްކަތެއް ކުރެވިފައި ނެތްކަމަށެވެ.

ވަޒީރު ވިދާޅުވީ، އެތަނުގެ މެއިންޓަނަންސްއަކީ ހަޤީގަތުގައި ވަރަށް ބޮޑަށް ކުރަންޖެހޭ ކަމެއްކަމަށެވެ. ބްރިޖަށް އަރައިގެން ދާއިރު ހަދާފައި ހުރި ގިޑިގޭގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ބައެއް އަކުރުތައް ވެއްޓުންފަދަ ކަންކަންވެސް ހިނގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން އިތުރު 3 އަހަރަށް ހިލޭ މެއިންޓަނަންސްގެ މަސައްކަތް ކޮށްދިނުމަށް ހުށައަޅާފައިވާކަމަށާއި ނަމަވެސް އެއިރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަޤީގަތުގައި ޗައިނާ ސަރުކާރުން އެއްބަސްވެފައި އެބައޮތް 3 އަހަރު ދުވަހަށް އަނެއްކާވެސް ހަމަ ހިލޭ އެހީގެ ދަށުން އެކަން ކޮށްދެއްވަން. ކޮންޓްރެކްޓަރވެސް އައިޑެންޓިފައި ކޮށްފައި ކޮންޓްރެކްޓަރ ހޮވާފައި އެހެންނަމަވެސް ސޮއިނުކުރެވި އޮތީ. ވަރަށް ދުވަސްވަންދެން ސޮއިނުކުރެވި އޮތީ. މިހާރު އަޅުގަނޑުމެން މި ބަލަނީ ކަމާގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ވީހާވެސް އަވަހަކަށް ސޮއިކުރުމަށް. މިހަފްތާގައިވެސް އަޅުގަނޑުމެންނަށް ހުއްދަތައް ލިބިއްޖެއްޔާ ސޮއިކުރާނަން. ސޮއިކޮށްގެން ބްރިޖްގެ މަރާމާތުގެ މަސައްކަތްތައް ފަށާނަން." ވަޒީރު ވިދާޅުވިއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މަޝްރޫޢެއްކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވި އެންމެ ބޮޑެތި މަޝްރޫޢުތަކަކީ، ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. އަދި އެކަންކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.