ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމަވައި، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފައްޓަވަން ސަރުކާރުން ނިންމެވީ ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފު ގުޅުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް ވިދާޅުވީ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ.
ނާޒިމް ވިދާޅުވީ މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮޕްޓަރު ބޭނުންކުރެވޭނެކަމަށާއި އަދި އާންމު ދަތުރުތައް ކުރަން ޖެހޭނީ ހުއްދަދީފައިވާ ހެލިޕޯޓުތަކުންކަމަށެވެ. އަދި މި ޚިދުމަތް ދިނުމަށް ވާދަވެރި ބީލަމެއްގެ ތެރެއިން ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އެފަދަ ފަރާތްތަކަށް ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އެކްސްކްލޫސިވިޓީއެއް ދޭނެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯގެ ސްޓެންޑަޑްތަކާ އެއްވަރަށް ދިވެހި ދަތުރުފަތުރުގެ ސިނާއަތް ގެނައުމަށްޓަކައި އެކުލަވާލައްވާފައިވާ މަދަނީ ވައިގެ ދަތުރުފަތުރުގެ އައު ބިލަށް މި ސިޔާސަތުތަކާ ގުލޭގޮތުން ގެންނަން ޖެހޭ ބަދަލުތައް އޮތްނަމަ އެ ބަދަލުތައް ގެނެސް އަލުން މަޖިލީހަށް ހުށަހަޅާނެ." ނާޡިމް ވިދާޅުވިއެވެ.
ނާޡިމް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހެލިކޮޕްޓަރު ޖެއްސުމަށް ހާއްސަ ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމަށެވެ. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަން ޖެހޭނަމަ އެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހެލިކޮޕްޓަރުގެ މަސައްކަތް ފަށައިގަތުމަށް ދާއިރާގެ ތަޖުރިބާކާރެއް ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖައްސާނެކަމަށެވެ.
ރާއްޖޭގައި މީގެކުރިންވެސް ހެލިކޮޕްޓަރުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް ދިމާވި ހިތާމަވެރި ހާދިސާތަކަކާއި ގުޅިގެން އެ ހިދުމަތް ވަނީ މީގެ އަހަރުތަކެއް ކުރިން ހުއްޓާލާފައެވެ.