ޚަބަރު

ވަޒީރުންނަށް ރުހުން ނުދޭން ދައްކަވާ ހުއްޖަތްތަކުގައި އަސާސެއް ނެތް: ނައިބު ރައީސް


  • ހުރިހާ ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފައި

  • މިއީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަށް ބައެއް ޕާޓީތަކުން ދައްކާ ހުއްޖަތްތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ ހުރިހާ ވަޒީރުންނަށް ރުހުންދޭން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވިދާޅުވެފައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު ޕާޓީތަކުން ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުނުކުރެވޭތީ ކަމަށް ވަނީ ބުނެފައެވެ. އަދި ވަޒީރުންގެ އަދަދު އިތުރުވުމަކީ ވެސް ސަބަބެއް ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އެންމެ ރީތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރު ކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ހުއްޖަތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށް ގަބޫލުކުރާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ ބުނެފައެވެ. އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޤާނޫނީ ގޮތުން ރައްޔިތުން އިންތިޚާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރާތައް އުފެއްދެވުމާއި، އެވުޒާރަތަކާއި، އިދާރާތައް ހިންގެވުމަށް ޤާބިލު ބޭފުޅުން ޢައްޔަން ކުރެއްވުން އެއީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށެވެ.

ދައުލަތުގެ ވުޒާރާތައް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފައިވާ ވަޒީރުންނަކީ ކަމަށް ޤާބިލު އެވުޒާރާތައް ހިންގެވުމުގެ ތަޖުރިބާ ހުންނެވި، އަދި އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޝައްކު ނުކުރާ ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރެއްވުމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ ކަމާމެމެދު ޝައްކު ނުކުރާ ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ވުޒާރާތަކަށް ޢައްޔަންކުރައްވާފައިވާ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކުރާންޖެހޭ ކަމެއްކަމަށެވެ. އަދި ވަޒީރުންނަށް އެއްވެސް ފުރުޞަތެއް ނުދީ ވަޒަން ކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުންޏެވެ.

ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. މެންދުރު ދަންފަޅީގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެއެވެ.