ޚަބަރު

ބަރުބަރީ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރަނީ


  • މިސްކިތް ބިނާކޮށްދޭނީ އަމިއްލަ ފަރާތަކުން

  • 2 އަހަރު ތެރޭގައި މަސައްކަތް ނިންމުމަކީ އަމާޒެއް

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން މި މިސްކިތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކާއެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމުގައި އެ ވުޒާރާއިން މިއަދު ވަނީ ސޮއިކޮށްފައެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ބަރުބަރީ މިސްކިތް 2 ބުރިއަށް ހެދުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ފެށިގެންދާނެ ކަމަށެވެ. އަދި 2 އަހަރެއްހާ ދުވަހުގެތެރޭ މިސްކިތުގެ މަސައްކަތް ނިންމުމަށްފަހު ހުޅުވުމަކީ އަމާޒެއްކަމަށެވެ.

ޝަހީމް ވިދާޅުވީ އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާ ކުުރުމަށް ސަރުކާރުން ކުރެއްވި އިލްތިމާސާއެކު ވަރަށް ގިނަ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ.

" އެކަމަށްޓަކައިވަރަށް ބޮޑު ޝުކުރު އަދާކުރަން، މި މިސްކިތް ރަނގަޅު ފެންވަރަކަށް ހެދިގެން ދިޔުމަކީ މުހިއްމު ކަމެއް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މިކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތަށް،" ވަޒީރު ޝަހީމު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ 25 މިސްކިތެއް ބިނާކުރުމުގެ ފުރުސަތު މިހާރުވެސް އެބައޮތްކަމަށެވެ.

" މިކަންތައްތައް ކުރުމުގެ ފުރުސަތު އެބައޮތް، މިނިސްޓްރީން ދޭން ޖެހޭ އެއްބާރުލުން ލިބޭ، ހުރިހާ ފަރާތަކަށްވެސް ވެސް ފުރުސަތު އޮތީ ހުޅުވާލެވިފައި،" ވަޒީރު ވިދާޅުވިއެވެ.

ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކުރުމަށް 3 ފަރާތަކާއެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުދަދުވަހުވެސް ވަނީ ސޮއިކޮށްފައެވެ.