ވިޔަފާރި

ދިރާގުގެ ސާފުފައިދާ އެއްކޮށް ހިއްސާދާރުންނަށް ބަހަނީ


ނިމިދިޔަ 2015 ވަނަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ 725 މިލިއަން ރުފިޔާ ޙިއްޞާދާރުންނަށް ބެހުމަށް ހުށައެޅުމަށް އެކުންފުނިން ނިންމައިފިއެވެ. 

އެ ކުންފުނީގެ 27 ވަނަ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސްއާއެކު ނެރުނު 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވަނީ، އަހަރީ އާންމު ޖަލްސާގައި ސާފު ފައިދާގެ ސައްތައިން އިންސައްތަ ޙިއްޞާދާރުންނަށް ބެހުމަށް ކަނޑައަޅާފައެވެ. 

މި ރިޕޯޓުގައިވާ ގޮތުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީއަކީ 2.3 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 0.2 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ 725 މިލިއަން ރުފިޔާއަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 24 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.

ދިރާގުގެ 27 ވަނަ އަހަރީ ޢާންމު ޖަލްސާގައި އެކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި، 2015 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް ފާސްކުރުމަށް ވަނީ ހަމަޖެފައެވެ. މި ޖަލްސާ ބޭއްވުމަށް އިޢުލާނުކޮށްފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު ހޮޓެލް ޖޭންގައެވެ.