ޚަބަރު

ރަމަޟާން މަހަށްފަހު އިންތިޚާބު ބާއްވާ ގޮތަށް ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި


  • މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު

  • ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބު ނުބޭއްވޭނެ ކަމަށް ވަނީ ބަޔާންކުރައްވާފައި

  • ރަމަޟާން މަހާ ދިމާވާނަމަ އިންތިޚާބު ބޭއްވޭނީ އެ މަސް ނިމޭތާ 10 ދުވަސް ފަހުން

ރަމަޟާން މަހުގެ ދުވަހަކާ ދިމާވާ އިންތިޚާބުތައް ރަމަޟާން މަހަށް ފަހު ބާއްވާގޮތަށް ހެދުމަށް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ.

ޝިފާޢު ހުށަހެޅުއްވި އިސްލާހުގައި އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 43 ވަނަ މާއްދާ ބަދަލު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، އެ ޤާނޫނާއި އަދި އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށް ވަނީ ބަޔާން ކުރައްވާފައެވެ. ރަމަޟާން މަހުގެ ދުވަހަކާ އިންތިޚާބަކާ ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުންކަމަށްވެސް އިސްލާހުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ރަމަޟާން މަހުގެ ދުވަހަކާ އިންތިޚާބެއް ދިމާވާނަމަ އެ އިންތިޚާބު ބޭއްވުމަށްޓަކައި މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝްސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށްވެސް އެ އިސްލާހުގައި ވަނީ ބަޔާން ކުރައްވާފައެވެ.

އިންތިޚާބާބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާއިރު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ދިމާވަނީ ރަމަޟާން މަހުގެ ދުވަހަކާއެވެ. އެގޮތުން، އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު މާރިޗު 17 ގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ ދުވަސް ދިމާވަނީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހާއެވެ. ރަމަޟާން މަހުގެ ދުވަހަކާ އެ ދުވަސް ދިމާވާތީ ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީސީން އެންމެ ފަހުން ބޭއްވި އިންތިޚާބާ ބެހޭ ގޮތުން ޤައުމީ ލަފާ ދޭ ކޮމިޓީ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ރަމަޟާން މަހު ބާއްވަން ނިންމީ މަޖުބޫރުވެގެން ކަމަށެވެ. އެއީ އެ ކޮމިޝަނުން ވެސް ބޭނުންވާ ގޮތް ނޫން ކަމަށާއި، މިހާރު ތާރީޚުތައް ހުރިގޮތުން އެގޮތަށް ބާއްވަން މަޖުބޫރުވީކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އީސީން އެގޮތަށް ނިންމީ ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން އެދިގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އީސީން އެކަން ދޮގުކުރައްވާފައިވާއިރު ސަރުކާރު ކޯލިޝާންގައި ހިމެނޭ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ރަމަޟާން މަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ބޭނުން ނުވާކަމަށް ބުނެފައެވެ.

މަޖިލިސް އިންތިޚާބު ރަމަޟާން މަހު ނުބާއްވާގޮތަށް އަދިވެސް ހެދިދާނެ ކަމަށާއި، ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެކަމުގައި އޮތްކަމަށްވާނަމަ ތާރީޚަށް ބަދަލު ގެންނަން ތާޢީދު ކުރައްވާ ކަމަށް ޕީޕިއެމްގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މެންބަރު ޝިފާއު ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި އެހެން ބައެއް ކަންކަން ވެސް ވަނީ ހިމަނުއްވާފައެވެ. އެގޮތުން، ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމެނިފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށާއި، ފާހަގަ ފުރިހަމަ ކުރުމުގެ ގޮތުން އެ ފާހަގަމަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެ ކަމަށް ވަނީ ބަޔާން ކުރައްވާފައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ފާހަގަ ފެވިގެންދާ ގޮތަށް އިތުރު ފާހަގައެއް ޖަހާފައިވާ ވޯޓުތަކަކީ ބާތިލު ވޯޓުތައް ގޮތުގައި އީސީން ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ އިތުރުން އެކި ސަބަބުތަކާހުރެ ޖޫރިމަނާ ކުރަން ޖެހޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އަދަދުތަކާއި، ޖަލަށްލާން ހުކުމް ކުރެވޭނެ މުއްދަތުތަކަށް ވެސް ބަދަލު ގެނައުމަށް އިސްލާހުގައި ވަނީ ހިމަނުއްވާފައެވެ.

އިސްލާހު ހުށަހެޅުއްވި ނަމަވެސް އެ އިސްލާހު ޤާނޫނަކަށް ވެގެންދާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ. މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.