ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުން ބާނާ މަސްތައް ކިރުވައިގެން ލިބޭ ފައިސާ ލިބުމުގައި ލަސްވަމުންދިއުމުގެ ކަންބޮޑުވުމެވެ. އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަކީ މި ސަރުކާރުން ކުރައްވާނެކަމެއްކަަމަށް މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގުންޒަރުގައި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މަސްވެރިންނަށް ވައުދުވެވަޑައއިގެންވަފައެވެ.
މަސްވެރިންގެ އޮތް މި ކަންބޮޑުވުމުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ހައްލުކޮށްދީފައި އޮތް މައްސަލައެއްނޫންކަން މަސްވެރިން ފާހަގަކުރެއެވެ. ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި އެންމެ ކުރިއަރާފައި އޮތް އެއްރަށް މަޑަވެލި މަސްވެރިން ފާހަގަކުރިގޮތުން މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ފައިސާ ލިބުން ލަސްވުމެވެ. އަދި މަސްވެރިންނަށް ތެޔޮ ލިބޭނެ ފަސޭހަ އިންތިޒާމެއް ނެތުމާއި، އައިސް ލިބޭނެ ފަސޭހަ ގޮތެއް ނެތުމަކީ މިރަށުގެ މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.
ޖުމްލަކޮށް މިއީ ރާއްޖޭގެ ހުރިހާ މަސްވެރިންގެވެސް އޮތް ކަން ބޮޑުވުންތަކެކެވެ. އަދި މިކަންކަމަކީ މިހާރު މިހާރަށް ހައްލު ކުރެވޭނެ ކަންކަން ނޫންކަން މަސްވެރިންވެސް ޤަބޫލު ކުރެއެވެ. ސަރުކާރުން މިދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ފަށްޓަވާފައިވާއިރު އެކަންކަމުގެ ސަބަބުން މަސްވެރިން މިހާރު އުފުލާ ތަކުލީފަށް ނިމުން ލިބިގެންދާނެކަމަށް މަސްވެރިން އުންމީދު ކުރެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ދެއްވި ޔަޤީންކަމާއެކު، ކޮންމެވެސް ވަރެއްގެ އުންމީދެއް އެބައޮތްކަމަށް މަޑަވެލި މަސްވެރިން ފާހަގަކުރިއެވެ.
"ރާއްޖޭގެ އިޤްތިސާދު މިހާރު އޮތް ހާލަތުން އެކަމަކީ ކުރަން އުނދަގޫކަމެއްކަމަށް ޤަބޫލުކުރަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް އެކަން އަވަސް މުސްތަޤުބަލެއްގައި ހައްލުކޮށްދެއްވާނެކަމަށް. ރައީސް މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ގެންދަވާނެކަމަށްވެސް އުންމީދު ކުރަން" މަޑަވެލި މަސްވެރިއަކު ބުންޏެވެ.
ބައެއް މަސްވެރިން ބުނިގޮތުން އެމީހުން ބޭނުންވަނީ މަހުގެ އަގު ބޮޑު ކުރަން ނޫންކަމަށާ، ބޭނުންވަނީ ލަސްވެގެން 48 ގަޑި އިރުތެރޭގައި ކިރުވާ މަސްތަކަށް ފައިސާ ލިބުންކަމަށެވެ. ކުރީގެ ސަރުކާރުން މަސްކިރާ އަގަށް ގެނައި ބަދަލާއެކު މަސްވެރިންނަށާއި ސަރުކާރަށްވެސް ބޮޑު ބުރައަކަށްވެފައިވާކަމަށް މަސްވެރިން ފާހަގަކުރިއެވެ. އެއީ މަހުގެ އަގު ބޮޑުކުރުމުން މަސްގަންނަ އަމިއްލަ ކުންފުނިތަކުން މަސްނުގަތުމުގައި ދިމާވާ ދަތިކަންކަން ކަމަށް އެމީހުން ބުންޏެވެ.
"މަހުގެ އަގު 20 ރުފިޔާގައި ހުރުންތޯ ނޫންތޯ، އެއްނޫން އަހަރެމެން ބަލަނީ.. މި އަގު އޯކޭ، އަހަރެމެން އެދެނީ ބާނާ މަހަށް ވާ ފައިސާ ވީ އެންމެ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން. އެއީ މަސްވެރި ހުރިހާ އާއިލާތަކުންވެސް ބޭނުންވާނެކަމަކީ" މަޑަވެލި މަސްވެރިއަކު ޕީއެސްއެމް ނިއުސްއަށް ބުންޏެވެ.
މަސްވެރިކަމުގެ ސިނާއަތަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި މަސް ކިލޯއެއްގެ އަގު ވިހި ރުފިޔާއަށްވުރެ ދަށްނުކޮށް އެވަރުގައި ހިފަހައްޓަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި 20 ރުފިޔާއަށްވުރެ ދަށްނުކޮށް އެއަށްވުރެ މަތީ އަގެއް ލިބޭނަމަ އެކަންވެސް ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 240 މިލިއަނަށްވުރެ ގިނަ ފައިސާ ހުއްޓެވެ. އެހެންނަމަވެސް އެފައިސާ މިހާރު ހަލާސްކޮށް ނިމިފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރިން ބޭނުންވާގޮތަށް ފައިސާ ލިބުމުގެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމަށާ، އެކަން ހައްލު ކުރުމަށް މިހާރުވެސް މަސައްކަތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވައި ދެއްވާނެކަމަށާ، އެކަމަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވެސް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުމަށް މަޝްވަރާތައް ކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މެނިފެސްޓޯގައި ހިމަނުއްވާފައިވާއިރު، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ. މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައި އޮތް އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދީ، މަސްކިރޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާއި، މަސް ރައްކާކުރާނެ އިތުރު ސްޓޯރޭޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.