ޚަބަރު

އެމްއެންޔޫގެ 3 ފެކަލްޓީއަކަށް ޑީނުން އައްޔަންކޮށްފި


  • ސްކޫލް އޮފް މެޑިސިންގެ ޑީންކަމަށް ޑރ. ޝީޒާ ޢަލީ

  • ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ޑީންކަމަށް ޒީނަތު ޞޯލިޙު

  • ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންކަމަށް ނާދިޔާ އަޙްމަދު

  • ޑީންއެއްގެ ދައުރަކީ 4 އަހަރު ދުވަސް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ، އެމް.އެން.ޔޫގެ 3 ފެކަލްޓީއަކަށް، ފެކަލްޓީ ހިންގާނެ ވެރިން ނުވަތަ ޑީނުން ޢައްޔަންކޮށްފިއެވެ.

ފެކަލްޓީތަކަށް ޑީނުން ޢައްޔަންކޮށްފައިވަނީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެގޮތުން މިއަދު ޑީނުން ޢައްޔަންކޮށްފައިވަނީ އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިންއާއި، ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓާލިޓީއާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަނަށެވެ.

އެމް.އެން.ޔޫ ސްކޫލް އޮފް މެޑިސިނަށް ޢައްޔަންކޮށްފައިވަނީ ޑރ. ޝީޒާ ޢަލީއެވެ. ޑރ. ޝީޒާއަކީ 1995 އިން ފެށިގެން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވާ ފުޅާކުރުމުގައި އެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން އައި.ޖީ.އެމް.އެޗްއާއި ސިއްޙީ ވުޒާރާގައި ޑރ. ޝީޒާ ވަނީ މަސައްކަތް ކުރައްވާފައެވެ. ޑރ. ޝީޒާ ވަނީ ރާއްޖޭގައި އުފެއްދި ފުރަތަމަ މެޑިކަލް ސްކޫލްގެ ޕްރޮޖެކްޓް ޑިރެކްޓަރގެ މަޤާމު ފުރުއްވަމަށްފަހު، އެ ސްކޫލްގެ ޑީންކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓާލިޓީގެ ޑީންކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވާފައިވަނީ ޒީނަތު ޞާލިޙެވެ. ޑީންކަމަށް މިއަދު ޒީނަތު އައްޔަންވުމާއިއެކު، މިއީ މި ފެކަލްޓީގައި ޒީނަތުގެ ޑީންކަމުގެ ދެވަނަ ދައުރެވެ. ޤައުމީ ޔުނިވަރސިޓީއާއި ޒީނަތު ގުޅުނީ 1999 ވަނަ އަހަރުއެވެ. އޭގެފަހުން ފެކަލްޓީ އޮފް ޓުވަރިޒަމް އެންޑް ހޮސްޕިޓަލިޓީގައި ޓްރެއިނީއެއްގެ މަޤާމާއި، އެ ފެކަލްޓީގެ އެސިސްޓަންޓް ލެކްޗަރަރކަމާއި، ލެކްޗަރަރކަމުގެ މަޤާމު ވަނީ އަދާކުރައްވާފައެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންކަމުގެ މަޤާމު ޙަވާލުކޮށްފައިވަނީ ނާދިޔާ އަޙްމަދަށެވެ. ނާދިޔާ އަޙްމަދަކީ ތަޢުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޤައުމީ ޔުނިވަރސިޓީއަށް ނާދިޔާ ވަނީ 26 އަހަރު ޚިދުމަތް ކުރައްވާފައެވެ. ނާދިޔާ ވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓަންޓް ލެކްޗަރަރކަމާއި، ލެކްޗަރަރކަން އަދާކުރައްވާފައެވެ. އަދި ނާދިޔާ ވަނީ އެމްއެންޔޫގެ ޑީން އޮފް ސްޓޫޑެންޓްސްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ޑީންކަމަށް މިއަދު ޢައްޔަންކޮށްފައި މިވަނީ ކަމަށް ޤާބިލް، ދާއިރާގެ ތަޖުރިބާހުރި ބޭފުޅުންކަމަށެވެ. އަދި މިއަދު އައްޔަންކުރެވުނު ޑީނުންގެ ދައުރުގައި އެ ފެކަލްޓީއަކަށް ނިސްބަތްވާ ސްޓޭކް ހޯލްޑަރުންނާއި އޮތް ގުޅުން އިތުރަށް ހަރުދަނާކުރާނެކަމަށް އުންމީދުކުވާކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. އަދި ފެކަލްޓީގެ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކޮށް، ގަވައިދުން ކަރިކިޔުލަމަށް ޒަމާނީ ބަދަލުތައްގެނެސް، މުރާޖާކުރާނެކަމަށް އުންމީދުކުރާކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

"ތިޔަ ތިން ބޭފުޅުންގެ ދައުރުގައި ފެކަލްޓީން އިސްނަގައިގެން އެ ފެކަލްޓީއެއް ނިސްބަތްވާ ސްޓޭކް ހޯލްޑަރުންނާއި، މިހާރު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ފެކަލްޓީގެ މުވައްޒަފުން ކުރިއަރުވަން މަސައްކަތްތަކެއްކޮށް، ދިރާސާތަކުގެ އެހީގައި އިންޓަނޭޝަނަލް ބެންޗް މާރކްސްތަކާއި އެއް ހަމައެއްގައި ގަވައިދުން ކައިކިޔުލަމްތައް މުރާޖާކޮށް، ޒަމާނާއި އެއްގޮތަށް ކޯސްތައް ބަދަލުކުރާނެކަމަށް އުންމީދުކުރަން." ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

އެމްއެންޔޫއިން ވިދާޅުވީ 3 ފެކަލްޓީއަކަށް ޑީނުން ޢައްޔަންކޮށްފައިވަނީ އެ 3 ފެކަލްޓީގައި ކުރިން ތިއްބެވި ޑީނުންގެ ދައުރު ހަމަވުމުން ކަމަށެވެ. އެމްއެންޔޫގައި ފެކަލްޓީއެއްގެ ޑީންގެ ދައުރަކީ 4 އަހަރެވެ.