ޚަބަރު

މާލެ ސިޓީ މޭޔަރުކަމުގެ ހުވާ ޢާޒިމް ކުރައްވައިފި


  • ހުވާ ކުރެއްވުމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި

  • މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ހުވާ އާދަމް އާޒިމް ކުރައްވައިފިއެވެ. އާޒިމަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

ހުވާ ކުރެއްވުމަށްޓަކައި ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ދައުލަތުގެ ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުންވެސް ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން ނިޡާމާއި ހެންވޭރު ދެކުނު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އާމިނަތު ރިޝްފާ އަހުމަދާއި، މެދު ހެންވޭރު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަހުމަދު ރިޝްވާން ރަޝީދުއެވެ.

މިމަހު ބޭއްވި މާލެ ސިޓީ މޭޔަރ ބައި-އިލެކްޝަން އާޒިމް ކާމިޔާބު ކުރައްވާފައިވަނީ 7621 ވޯޓުންނެވެ. އެއީ އެއިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ.