ޚަބަރު

ރާއްޖޭގައި ފުޅިއަޅައިގެން ފީނާތާ 20 އަހަރު، ރައްކާތެރިގޮތުގައި ފީނަން ދަސްވީ ރެސްކިއު ޑައިވް ޕްރޮގްރާމުން


  • ޑައިވް ކުރާތާ އެތައް އަހަރެއް، ނަމަވެސް މީހަކު ސަލާމަތް ކުރާނެގޮތެއް ނޭނގޭ

  • ސަރުކާރުން މަސްވެރިންގެ ސަލާމަތަށް ކޮށްދޭ އަގުހުރި މަސައްކަތެއް

  • އޮޑިމަތީގައި ކުއްލި ފަރުވާ ދިނުމުގެ ހުނަރުވެސް މިކޯހުގައި ކިޔަވައިދޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެޑައިގެންނެވި ގިނަ ވައުދުފުޅުގެ ތެރެއިން ދޮށީގެ މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ވެވަޑައިގެންނެވި ވައުދުފުޅަކީ މަސްވެރިންގެ ސަލަމާތާ ރައްކާތެރިކަން ކަށާވަރުކޮށްދިނުމަށް ކޮށްދިން މުހިންމު މަސައްކަތެއްކަމަށް މަސްވެރިން ބުނެއެވެ. ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސްތައް މިހާރު ވަނީ ފަށާފައެވެ.

މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިހުރި އަދި ކަމުގެ ތަޖުރިބާކާރު ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ހިންގާ ތަމްރީން ޕްރޮގްރާމް ފެށީ ގދ. މަޑަވެލިންނެވެ. އެރަށުން މި ޕްރޮގްރާމުގައި 8 ދޯންޏަކުން 8 ފަޅުވެރިން ވަނީ ބައިވެރިވެފައެވެ. އެމީހުން ތަމްރީން ކުރަނީ ރާއްޖޭގައި ތިއްބެވި ޑައިވް ކުރުމުގެދާއިރާގެ ފަންނީ ޑައިވަރުންނެވެ. މި ތަމްރީން ޕްރޮގްރާމްގައި އޯޕަން ވޯޓަރ އެޑްވާންސް އަދި ފަސްޓް އެއިޑްއާ ރެސްކިއު ޑައިވް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތަމްރީނެއް ނެތި ފީނާތާ ވިއްސަކަށް އަހަރު:

މަޑަވެލީގައި މި ތަމްރީން ފުރިހަމަ ކުރަމުންދާ ފަޅުވެރިން އެމީހުންގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ މިހާރު ޑައިވްކޮށްގެން އެންހިފާތާ އެތައް އަހަރުތަކެއް ވެފައިވާކަމަށެވެ. މި ކަން ކުރަމުން ދިޔައީ ޑައިވް ކުރުމުގެ ހަމަތަކާ އުސޫލުތައް ނޭނގި ތިބެކަމަށް އެ ފަޅުވެރިން ބުންޏެވެ. އަދި ޑައިވް ކުރާމީހަކަށް ސިއްޙީ މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ އެނޫންވެސް ކަމެއް ވުމުން ދެން އަމަލުކުރާނެ ގޮތެއް އަދި އެމީހުން ސަލާމަތް ކުރެވޭނެގޮތްވެސް ނޭނގޭކަމަށް ފަޅުވެރިން ބުންޏެވެ.

ނަމަވެސް ސަރުކާރުން މަސްވެރިންނަށް ޚާއްޞަކޮށްގެން މި ފެށި މަސައްކަތަކީ މަސްވެރި އާއިލާތަކަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އެ ފަޅުވެރިން ސިފަކުރެއެވެ. ރައީސުލްޖުމްޙޫރިއްޔާ އިސްނަންގަވައިގެން ފެށްޓެވި މިމަސައްކަތަކީ މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ކޮށްދެއްވާ އަގުހުރި މަސައްކަތެއްގެ ގޮތުގައި އެފަޅުވެރިން ދެކެއެވެ.

ބައެއް ފަޅުވެރިން ކިޔައިދިންގޮތުގައި ފުޅިއަޅައިގެން އަޑިއަށް ފީނާތާ 17 އަދި ވިއްސަކަށް އަރުވެފައިވާ ފަޅުވެރިންވެސް އެބަތިއްބެވެ. އެމީހުން މިހާތަނަށް ފީނަމުން އައީ އެކަމުގެ ނުރައްކާތެރިކަން އެންމެ ރަނގަޅަށް ނޭނގި އަދި އެއްވެސް އިތުރު ތަމްރީނެއްވެސް ނެތިއެވެ.

"އަސްލު ކުރިން އެއްވެސް ވަރަކަށް ނޭނގޭ މިކަންކަމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް ކަމެއް ދިމާނުވާތީކަމަށްވެސް ވެދާނެ، އެހެންނަމަވެސް ސަރުކާރުން މިފެށި މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް މިކަމުގެ ސަބަބުން މަސްވެރި އާއިލާތަކަށް އުފާވެރިކަން ލިބޭނެ، ވަކިން ހާއްސަކޮށް ކަމެއް ދިމާވާ ހާލަތްތަކުގައި މީހަކު ސަލާމަތް ކުރާނެގޮތް އެނގުމަކީ އެންމެ މުހިންމު އެއްކަންތައް" މަސްވެރިން ބުންޏެވެ.

މަސްދޯނިތަކުގައި ޑައިވް ކޮށްގެން އެންހިފާ ފަރާތަތްތަކުގެ ތެރެއިން ގިނައީ އެއްވެސް ސެޓްފިކެޓްއެއް ނުވަތަ ތަމްރީނެއް ހޯދާފައި ނެތް މީހުންނެވެ. އެމީހުން ބުނިގޮތުން ބައެއް ފަހަރު 50 މީޓަރު ފުނަށްވެސް ޑައިވް ކުރަންޖެހޭ ޙާލަތްތައް އާދެއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުގައި އެންމެ ފުނަށް ފުޅިއަޅައިގެން ޑައިވް ކުރުމުގެ ޙުއްދަ ދީފައި އޮންނަނީ 30 މީޓަރަށެވެ.

އެކަނި ޑައިވްކުރުމަކީ މަނާކަމެއް


ޤާނޫނު ބަޔާންކުރާގޮތުގައި އެކަކު އެކަނި ޑައިވް ކުރުމަކީވެސް މަނާކަމެކެވެ. ޑައިވް ކުރުމަށް މޫދަށް ފައިބާއިރު، އެމީހަކަށް މޫދުގައި ގެންގުޅޭ ސައިން ނުވަތަ އިޝާރާތްތައްވެސް އެނގެން ޖެހެއެވެ. ދެމީހުން މޫދު އަޑީގައި އުޅޭއިރު އެކަކު އަނެކަކަށް ފެންނަން ޖެހޭނެއެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ އަޑީގައި އޮންނަ މީހުންގެ ސަލާމަތާ ރައްކާތެރިކަމެވެ. މި ހުރިހާކަންކަން މަސްވެރިންނަށް ވެސް އެނގެއެވެ. އެހެންނަމަވެސް އަމަލު ކުރުމުގައި ފަރުވާ ކުޑަކުރާކަން އިސްޓްރަކްޓަަރުންނަށް ވަނީ ފާހަގަކުރެވިފައެވެ.

ފުޅިއަޅައިގެން ފީނަން އޮންނަ މީހަކަށް ކަމެއް ވާކަން އެންމެ ފަސޭހައިން އެނގޭނީ އެމީހާގެ ލޮލުންނެވެ. ޑައިވް ކުރާ މަސްވެރިންނަށްވެސް މިކަންކަން އެނގެއެވެ. އެހެންނަމަވެސް މިކަންކަމަށް މަސްވެރިން ފަރުވާނުބަހައްޓާކަން ފާހަގަކުރެވިފައިވާކަމަށް އިންސްޓްރަކްޓަރުން ބުންޏެވެ. ހަމަ އެގޮތަށް ވައިފުޅި ސާވިސް ނުކުރާކަން ވެސް ފާހަގަކުރެވޭކަންވެސް ބައެއް އިންސްޓްރަކްޓަރުން ފާހަގަކުރެއެވެ.

ފުރިހަމަ މަޢުލޫމާތު އެނގުން މުހިންމު

"މަސްވެރިންގެ ތެރޭގައި ޑައިވަރުގެ ތަޖުރިބާ އެބަހުރި. އެކަމުގަ ފަރުވާ ބަހައްޓަން ޖެހޭކަންކަން އެބަހުރި. އަދި އެހާ ފުނަށް ޑައިވް ކުރުމަކީ މަނާކަމެއްކަން އެނގޭއިރު، އެކަންކަން ނުކުރުމަށް އެދެން. އަދި އަބަދުވެސް އޮންނަ އުސޫލުތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް. މީގެއިތުރުން މި ތަމްރީން ކުރާ ރެސްކިއު ޑައިވަރު މޫދުން ޑައިވަރުން އެންދަމައިގެން އެރުމުން އެމީހުންނާ ވަކިވަކި ސުވާލުކޮށް އެމީހުގެ ހާލަތު ބަލަންޖެހޭނެ." އިސްޓްރަކްޓަރުން ބުންޏެވެ.

މަސްވެރިކަމަށް ކަނޑުމައްޗަށް ނުކުމެ އުޅުމުގައި ވަރަށް ހިތާމަވެރި ޙާދިސާތައް ހިނގައެވެ. އެގޮތުން އެންދެމުމާއި އެނޫންވެސް ބޭނުންތަކުގައި ފީނަން މޫދަށް ފައިބައިގެން، އަޑިޔަށް ފީނުމުގެ ތެރޭގައި ޚާއްޞަކޮށް އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި އެކްސިޑެންޓްތައް ހިނގާފައި އެބަހުއްޓެވެ. ބައެއްފަހަރު ފުރާނަ ގެއްލޭ ހާލަތްތައްވެސް މެދުވެރިވެފައި އެބަހުއްޓެވެ.

ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) އަކީވެސް ޢާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ބައެއްފަހަރު ގައިގެ ވަކި ހިސާބެއް ރަތްވެއެވެ. ބައެއް ފަހަރު، ބައެއް ގުނަވަންތަކުން ވާގިދެއެވެ. އަތް ނުވަތަ ފައި އަދި ބައެއް ފަހަރު އުނަގަނޑުން ތިރި ނުވަތަ މުޅި މީހާ ވެސް ވާވެއެވެ.

އެހެންކަމުން ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިސަބަބުތަކާ ގުޅިގެން މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައެވެ.

މި ތަމްރީން ޕްރޮގްރާމް މަޑަވެލީގައި އިފްތިތާހުކުރިނަމަވެސް މި ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށްގެންދާނީ އުތުރުގެ އަތޮޅުތަކުގައެވެ. މި ފުރަތަމަ ބުރުގައި 50 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.