ކުޅިވަރު

ކެމަރޫން ބަލިކޮށް ޗެމްޕިއަން ސެނެގޯލް ދެވަނަ ބުރަށް


އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގްރޫޕް ސީގައި ކެމަރޫން ބަލިކޮށް، ދެވަނަ ބުރުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ސެނެގޯލް ހޯދައިފިއެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ސެނެގޯލް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސެނެގޯލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޕެޕޭ މަޓާ ސާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލާ ސާއެވެ. އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ސެނެގޯލުން ލީޑު ފުޅާކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ. އިސްމާއީލާ ސާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ހަބީބް ޑިއާލޯއެވެ. އެކަމަކު މެޗުގެ 83 ވަނަ މިނެޓުގައި ޖީންސް-ޗާލްސް ކަސްޓަލެޓޯ ވަނީ ލަނޑެއް ޖަހައި، ކެމަރޫނަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ މި މެޗުގައި ކެމަރޫނުން ސެނެގޯލުގެ ގޯލާ އަމާޒުކޮށް އުފެއްދި ފުރަތަމަ ހަމަލާއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ސަޑިއޯ މާނޭ ވަނީ ލަނޑެއް ޖަހައި، މި މެޗުން ސެނެގޯލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް ސެނެގޯލުން ކަށަވަރުކުރިއިރު، އެ ޓީމު އޮތީ ގްރޫޕް ސީގެ އެއްވަނައިގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ގިނީން ވަނީ 1-0 ގެ ނަތީޖާއަކުން ގެމްބިއާ ބަލިކޮށްފައެވެ. އެއާއެކު ގިނީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކެމަރޫނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ގެމްބިއާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.