ގަތަރުގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް އިރާގާއި އިރާން ދަތުރުކޮށްފިއެވެ.
ދެވަނަ ބުރުގެ ޖާގައެއް އިރާގުން ހޯދީ ގްރޫޕް ޑީގައި އިއްޔެ ކުޅުނު މެޗުގައި ޖަޕާން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ޖަޕާން ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ޖަޕާނުން ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެފައެވެ. އަނެއްކޮޅުން މިއީ 42 އަހަރުގެ ތެރޭގައި އިރާގުން ޖަޕާން ބަލިކުރި ފުރަތަމަ ފަހަރެވެ.
އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގައި އިއްޔެ ކުޅުނު މެޗުގައި އިރާގުން ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އައިމަން އަހްމަދު ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، އިރާގުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޖަޕާނުން ފަރަގު ކުޑަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ވަޓަރޫ އެންޑޯއެވެ.
މި މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް އިރާގުން ހޯދިއިރު، ގްރޫޕް ޑީގެ އެއްވަނައިގައި އެ ޓީމު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އެ ޓީމަށް ގްރޫޕުގެ އެއްވަނަ ޔަގީންވެފައިވާއިރު، ދެން އޮތް ޖާގައަށް ވާދަކުރާނީ ޖަޕާނާއި އިންޑޮނީޝިއާއެވެ. އިންޑޮނީޝިއާއިން ވަނީ މި ގްރޫޕުގެ ފުލުގައި އޮތް ވިއެޓްނާމް އަތުން އިއްޔެ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި އިއްޔެ ކުޅުނު މެޗުން ހޮންގް ކޮންގް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، އިރާންވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.
ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިރާނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މީލާދް މުހައްމަދީގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެހްދީ ޣަޔޭދީއެވެ.
މި މޮޅާއެކު ދެވަނަ ބުރުގެ ޖާގައެއް އިރާނުން ހޯދިއިރު، ގްރޫޕް ސީގެ އެއްވަނައިގައި އެ ޓީމު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ފަލަސްތީނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ހޮންގް ކޮންގަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.