ޚަބަރު

ޕީއެސްއައިޕީއަށް ކުރި ޚަރަދު 12.1 ބިލިއަން ރުފިޔާއަށް، ބަޖެޓުކުރި ޢަދަދަށްވުރެ އިތުރު


  • ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވަނީ 10.3 ބިލިއަން ރުފިޔާ

  • 2022ގައި ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާ

  • އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް

މިދިޔަ އަހަރުތެރޭ ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 12.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށް ކަމަށް މާލީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިއީ އެއަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓުން ޚަރަދުވާނެ ކަމަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ޢަދަދު ކަމުގައިވާ 10.3 ބިލިއަން ރުފިޔާއަށްވުރެ، 17.4 އިންސައްތަ އިތުރު ޢަދަދެކެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ. ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން މާލީ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާގޮތުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 12.1 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ. 2022ވަނަ އަހަރު ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 8.9 ބިލިއަން ރުފިޔާއެވެ.

ޕީ.އެސް.އައި.ޕީގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ދަތުރުފަތުރާއި، މަގު ހެދުމާއި، ބިން ހިއްކުން އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށެވެ.

ޕީއެސްއައިޕީން ކުރި ބޮޑެތި ޚަރަދުތައް:

• ބިން ހިއްކުމުގެ މަޝްރޫޢުތަކަށް – 2.1 ބިލިއަން ރުފިޔާ
• އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް – 1.6 ބިލިއަން ރުފިޔާ
• ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް – 1.5 ބިލިއަން ރުފިޔާ
• މަގު ހެދުމުގެ މަޝްރޫޢުތަކަށް – 1.4 ބިލިއަން ރުފިޔާ
• ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް – 1.1 ބިލިއަން ރުފިޔާ

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށްވަނީ 8.9 ބިލިއަން ރުފިޔާ ހިމަނާފައެވެ.

މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ. މީގެތެރޭގައި ބްރިޖް އެޅުމާއި، އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ބަނދަރުތައް ތަރައްޤީކުރުން ހިމެނެއެވެ. އެގޮތުން ބަޖެޓުގައި މި މަޝްރޫޢުތަކަށް 3.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.