ޚަބަރު

ދެކުނު ކަނޑުން ގެއްލުނު ބައި ރައީސް ހޯއްދަވައިދެއްވާނެކަމާމެދު ޝައްކެއްނެތް: ޠާރިޤު


  • ކަނޑުން ގެއްލުނީ މަސްވެރިންނަށްވެސް މުހިންމު ސަރަހައްދެއްކަމަށް

  • ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ފަރުވާ ކުޑަކުރުމުގެ ނަތީޖާ ފެންނަކަމަށް

  • ކަނޑުތައް ބެލެހެއްޓުމާއި ދިރާސާގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމަށް

ރާއްޖޭގެ ދެކުނުން ކަނޑުން ގެއްލުވާލާފައިވާ ބައި މަސްވެރިންނަށް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވާކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިންނަށް ހިންގާ ރެސްކިއު ޑައިވަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފެށުމަށް ގދ. މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭކަމަށެވެ. ކަނޑުގެ ސަރަޙައްދު އެންމެ އެކަށީގެންވާގޮތެއްގައި ނުބެލެއްހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކަނޑުން އެހެން ޤައުމުތަކުގެ މަސްބޯޓުތައް ވަދެ ދާ ޖަހައިގެން މަސްހިފުން އާންމު ވެފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ދިވެހި މަސްވެރިންގެ ޙައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާ، އޭގެ ސަބަބުން މަސްވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ރާއްޖޭގެ އުތުރުގެ ކަނޑުން ގެއްލުވާލާފައިވާ ބައި މަސްވެރިންނަށް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބަލަހައްޓަން ޖެހޭ ސަރަހައްދެއް. މިހާތަނަށް އައިރު އެދެވޭ ގޮތެއްގައި ބެލެހެއްޓިފައެއް ނެތް. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މަސްވެރިކަންކުރުމަށް އެހެން ޤައުމުތަކުގެ މީހުން ދަނީ ބޭނުން ކުރަމުން. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުން ހުރީ އެމް.އެން.ޑީއެފް މެދުވެރިކޮށް ކަނޑު ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ފުޅާކުރެއްވުން. އަދި ގެއްލުވާލާފައިވާ ކަނޑުގެ ސަރަޙައްދުވެސް މަސްވެރިންނަށް ހޯދައިދޭނެކަމުގެ ޔަޤީންކަން އެބައޮތް" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެއްޓުމުގައި މަސްވެރިންގެ ދައުރުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކަނޑު ފަޅުތަކަށް ކުނީގެ ސަބަބުން ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް މަސްވެރިންގެ ދައުރު މުހިންމުކަމަށާއި، ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމަކީވެސް ބަލަންޖެހޭ މުހިންމު ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުން ކަނޑުގެ ދިރާސާއެއް ހެދުމަށް ރާއްޖެއިން ބޭރުގެ ބަޔަކާއެކު މަސައްކަތްތަކެއް ކުރެއްވުމަކީ އެހާ ރަގަޅު ކަމެއްނޫން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވިސްނުންހުރީ މިފަދަ ސާރވޭތައް ހައްދަވާއިރު، އެމްއެންޑީއެފް މެދުވެރިކޮށް މިކަންކަން ކުރުން" ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކޮށްފައިވާ ޙުކުމް އިސްތިޢުނާފުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި މިނިވަންކަމާއި ސިޔާދަތުގެ ދާއިރާއިން ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މުހިންމު މަސައްކަތެކެވެ. އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށްޓަކައި ކަނޑައަޅާފައިވާ ޚާއްސަ ކޮމިޓީގެ މަސައްކަތުގެ ދަށުން އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ރިވިއު ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.