ޚަބަރު

މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފި


  • މި ވޯކްޝޮޕުގައި ކަރެކްޝަންސްގެ 8 އޮފިސަރުން ބައިވެރިވޭ

  • 14 ދުވަހުގެ ތަމްރީނެއް ފުރިހަމަކުރާނެ

  • އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި ހުނަރު ދަސްކޮށްދެވޭނެ

މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކްޝޮޕަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މި މަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން ފެށި ވޯކްޝޮޕެކެވެ.

ކަސަބު ގެތުން ތަޢާރަފްކޮށްދޭ މި ވޯކްޝޮޕްގައި 5 އަންހެން އޮފިސަރުންނާއި، 3 ފިރިހެން އޮފިސަރުން ބައިވެރިވެފައިވާކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ. މި ވޯކްޝޮޕަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެކަމަށާއި، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ކަރެކްޝަންސްއިން ވިދާޅުވެއެވެ.

ކަރެކްޝަންސްއިން ވިދާޅުވީ، މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީން ޖަލުގައި ހޭދަ ކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުންކަމަށެވެ. އަދި މިއީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދެވޭ ވޯކްޝޮޕްތަކެއްކަމަށްވެސް ކަރެކްޝަންސްއިން ވިދާޅުވެއެވެ.

މި ވޯކްޝޮޕްގައި ކަސަބު ބޯވަޅުގެ ތަޢާރަފް، ބޯވަޅުގެ ބައިތަކާއި ހިރު ތަކުގެ ނަންތައް، ރޮދި އޮޅާނެ ގޮތާއި، ހިމަ ހިރު ގަތާ ގޮތް، ލިބާހުގެ އިތުރުން ކަސަބު ބޭނުން ކުރެވޭނެ އެހެން ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

މާފުށީ ޖަލުގައި ކަލްޗަރަލް ސެންޓަރުގައި ޤާއިމްކުރުމުގެ ގޮތުން މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.