ޚަބަރު

އީސީގެ މެންމަބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • މި ފުރުސަތު ހުޅުވާލީ އީސީގެ ނައިބު ރައީސް ހަބީބުގެ މަގާމުގެ މުއްދަތު ހަމަވާތީ

  • މެންބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖެނުއަރީ 30

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުގެ ތެރެއިން މިހާރުގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު 30 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޯމު ބަލައިގަންނާނީ ޖެނުއަރީ 29 އަދި 30 ވަނަ ދުވަހުގެ ހެނދުނު 8:30 އާއި މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހުން ކަމަށް ވެސް ވިދާޅުވިއެވެ.

އީސީއަށް މެންބަރުން އައްޔަން ކުރާނީ ރައީސް އޮފީހުން ހުޅުވާލާ ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.

އީސީގެ މިހާރުގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މަޤާމުގެ މުއްދަތު ހަމަވާނީ އަންނަ މާޗު މަހުގައެވެ. މިއީ ހަބީބު އީސީގެ މެންބަރަކަށް ހުންނަވާ ދެވަނަ ދައުރެވެ.