ޚަބަރު

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި


  • ދެ ވަޒީރުން ބައްދަލުކުރެއްވީ ޔުގަންޑާގައި ކުރިއަށްދާ ނާމް ސަމިޓުގެ ހަވާސާގައި

  • ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާގުޅޭގޮތުން މަޝްވަރާކުރެއްވި

  • އިންޑިއާގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތައް އަވަސްކުރުމާގުޅޭގޮތުންވެސް މަޝްވަރާކުރެއްވި

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.

ދެ ވަޒީރުން ބައްދަލުކުރައްވާފައިވަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމާގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާދެމެދު ކުރަމުންދާ މަތީ ފަންތީގެ މަޝްވަރާތަކާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.


ހަމައެހެންމެ ނަން-އެލައިންޑް މޫވްމަންޓް، ނާމްއާއި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން ސާކްގެ ތެރެއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދެއްވާފައެވެ.


ނާމް ސަމިޓުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޮވްއާއި، ނޭޕާލްގެ ޚާރިޖީ ވަޒީރު ނާރަޔަން ޕްރަކާޝް ސައުދުގެ އިތުރުން މެލޭޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ދާތުކް މުހައްމަދު ބިން އަލަމިންއާވެސް ބައްދަލުކުރައްވާ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

19 ވަނަ ނާމް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޔުގަންޑާއަށް ވަޑައިގެންފައެވެ.