ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 35،000އަށްވުރެ ގިނަ ބިދޭސީން


  • ސިނާއަތުގައި 58،089 މީހުން އަންނަނީ މަސައްކަތް ކުރަމުން

  • ދިވެހިންގެ އަދަދަކީ 22،337 މީހުން

ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިއަދު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ހިއްސާއެއް އަދާކުރާ ސިނާއަތެވެ. ދައުލަތައް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 1147 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެއެވެ. މި ހުރިހާ ތަނެއްގެ ބެޑް ކެޕޭސިޓީ 61،750 އަށް އަރައެވެ.

އިޤްތިޞާދުގެ މުހިންމު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރަމުން އައި ބާރުމިނުގައި މިސިނާއަތަށް ދިވެހިން ތަމްރީން ކުރެވިފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ މިސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ ނިސްބަތް މަދުވުމެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 58،089 މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން %40 އަކީ ދިވެހިންނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ ޖުމްލަ އަދަދަކީ 22،337 އެވެ. މީގެތެރެއިން 20،471 މީހުންނަކީ ފިރިހެނުންނެވެ. އަދި 1،866 މީހުންނަކީ އަންހެނުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެހެން ޤައުމުތަކުގެ މުވައްޒަފުންގެ އަދަދު:

* ބަންގްލަދޭޝް: 15،205 މީހުން (14،514 ފިރިހެނުން، 691 އަންހެނުން)
* އިންޑިއާ: 8،316 މީހުން (7،690 ފިރިހެނުން، 626 އަންހެނުން)
* ސްރީލަންކާ: 5،366 މީހުން (5،130 ފިރިހެނުން، 236 އަންހެނުން)
* ނޭޕާލް: 1،620 މީހުން (1،385 ފިރިހެނުން، 235 އަންހެނުން)
* އިންޑޮނޭޝިއާ: 1،546 މީހުން (603 ފިރިހެނުން، 943 އަންހެނުން)
* ފިލިޕީންސް: 979 މީހުން (284 ފިރިހެނުން، 695 އަންހެނުން)
* އެހެނިހެން: 2،720 މީހުން

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުވުމާއެކު މިކަމުގެ ކަންބޮޑުވުން ދަނީ އެކި ފަރާތްތަކުން ފާޅުކުރަމުންނެވެ. މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވީ، މިދާއިރާއަށް ދިވެހިން ނެރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު ވަކިން ޚާއްސަކޮށް މަތީ ފަންތީގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމަށް އެންމެ މުހިންމު ކަމަކީ ރަނގަޅު ހޮޓެލް ސްކޫލެއްކަމަށާއި، އެއީ ރައީސްގެ ޚާއްސަ ވައުދުފުޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ހޮޓެލް ސްކޫލް ޤާއިމްކުރެވިގެންދާނީ ދުނިޔޭގެ ފެންވަރުގެ ހޮޓެލް ސްކޫލަކާއި އެފިލިއޭޓްވެގެންކަމަށްވެސް ވަޒީރު ފައިސަލް ވިދާޅުވިއެވެ. މި ހޮޓެލް ސްކޫލާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ކިޔަވަން އައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.