ޚަބަރު

އަމާޒަކީ އެމްޑަބްލިއުއެސްސީއަކީ ޒީރޯ ކާބަން ކުންފުންޏަކަށް ހެދުން: މަތީން


  • ޕްލާސްޓިކް ފުޅި ބިއްލޫރި ފުޅިއަށް ބަދަލުކުރުން

  • ތިމާވެށްޓާ ރަށްޓެހި ގޮތަށް ސިޔާސަތުތައް ބަދަލުކުރާނެ

  • ޚަރަދުކުޑަ އަދި ފައިދުވާނެ ސިޔާސަތަކަށް ވާނެ

އަމާޒަކީ ކުރިމަގުގައި އެމްޑަބްލިއުއެސްސީއަކީ ޒީރޯ ކާބަން ކުންފުންޏަކަށް ހެދުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުއެވެ.

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ، ތާޒާ ބުރޭންޑުގެ ފެނަށް އޯޑަރު ދެވޭނެ އެޕެއް އަދި ކޯޕަރޭޓް ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.

ތާޒާ ފެންނަށް އޯޑަރު ދެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި، އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައާރަފްކޮށްފައިވާއިރު، މި އެޕްލިކޭޝަން މެދުވެރިކޮށް ފެން ކޭހަށް އޯޑަރު ދިނުމަށްފަހު، އޯޑަރު ޓްރެކް ކުރެވޭނެއެވެ. އަދި ކުރިން ދީފައި ހުރި އޯޑަރުތަކުގެ ތަފްސީލްތައްވެސް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.

އެޕްލިކޭޝަން އަދި ކޯޕަރޭޓް ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ހަފްތާގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގެ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، މިގެނައި ބަދަލާއި އެކު ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ. އަދި ޚިދުމަތް ޒަމާނީ ކުުރުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ މަތީން ވަނީ ކުރީގެ ކުންފުނީގެ އިސްވެރިން ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވާ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދު ކުރުމަށް އަދި ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.

"ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރިފުޅި ބޭނުންކުރުން، ޕްލާސްޓިކް ފުޅިތަކުން ތިމާވެއްޓަށްވާ ގެއްލުން ކުޑަކުރުމަށް މޫދަށާއި، މަގުތަކަށް އުކާލެވިގެން ނުދާނެ ފަދަގޮތަކަށް، ކަންކަން އިންތިޒާމުކުރެވިގެންދާނެ،" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ތިމާވެށި ރާއްޖޭގެ ހުރިހާ އިޤްތިޞާދަކާއި ގުޅިލައިމެހިފައިވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް ކުންފުނިތަކުން ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. އެ ގޮތުން ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، ކުންފުނި ހިންގުމުގައި، އިއާދަކުރަނިވި ހަކަތަ އެންމެ މަތީ މިންވަރަކަށް ބޭނުންކުރައްވާނެކަމަށްވެސް މަތީން ވިދާޅުވިއެވެ.

"ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އަދި ވީ އެންމެ މަތީ މިންވަރަކަށް ތިމާވެއްޓަށްވާ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރާނެ، އަމާޒަކީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް މިކުންފުނިއަކީވެސް ޒީރޯ ކާބަން ކުންފުނިއެއްގެގޮތުގައި ފެނިގެން ދިޔުން،" އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލްމަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ކައިރި މުސްތަޤްބަލެއްގައި މިބަދަލުތައް އެކުންފުނިން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 2 އަހަރެއްހާ ދުވަސްތެރޭގައި މި ބަދަލުތައް ފެންނަން ފެށުމުން ކުންފުނީގެ ޚިދުމަތް އިތުރަށް ފަހިވެ، ކުންފުނީގެ ފައިދާވެސް އިތުރުވެގެންދާނެ ކަމަށްވެސް މަތީން ވިދާޅުވިއެވެ.

ތާޒާ ފެނަކީ، އެމްޑަބްލިއުއެސްސީގެ ސަބްސިޑަރީ ކުންފުންޏެއްކަމުގައިވާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް، އައިބީއެމްގެ އުފެއްދުމެކެވެ.