ޚަބަރު

ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން: ސީޕީ


  • އައްސޭރި ޖަލަށް 15 ވަނަ އަހަރު ފުރުން ވަނީ ފާހަގަކޮށްފައި

  • ޖަލުތައް ކޮމާޝަލައިޒްކޮށް މަޝްރޫއުތައް ފުޅާކުރާނެ

ބަޖެޓުގެ ދަތިކަން ހުރިނަމަވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މި ޖީލުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައް ކަމަށެވެ. އަދި ޖަލުތަކުގައި ގައިދީންގެ ތެރޭގައި ވެސް އެންމެ ގިނައީ އެފަދަ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ފަރާތްތައްކަމަށާއި އެ މީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ކުރަނީ ޤައުމީ ޖިހާދެއްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ޖަލުތަކުގެ އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވައި ކޮމިޝަނަރ ވިދާޅުވީ ބަޖެޓުގައި ދަތިކަން ހުރި ނަމަވެސް ޖަލުގައި ތިބި ޤައިދީންނާއި އެތަންތަނުގައި މަސައްކަތްކުރާ އޮފިސަރުންގެ އެކޮމޮޑޭޝަން ފަދަ ކަންކަން ރަނގަޅު ކުރުމަށް، މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޖަލުތައް ކޮމާޝަލައިޒްކޮށް މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފިސަރުނާއި މުވައްޒަފުން ތަރައްގީކޮށް، ތައުލީމީ ފުރުސަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކޮށް މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

އައްސޭރި ޖަލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ޖަލުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ އޮފިސަރުންނަށާއި ހާޒިރީ ރަނގަޅު އޮފިސަރުންނާއި ފިޒިކަލް ޓެސްޓުގައި ވަނަތައް ހޯދާފައިވާ އޮފފިސަރުންގެ އަގުވަޒަންކުރިއެވެ.