ޚަބަރު

ރާއްޖޭގެ ވައި ނުސާފުވެފައިވަނީ އިންޑިއަން ސަބް ކޮންޓިނެންޓުން އަންނަ ދުމުން!


  • ވައި ނުސާފުވެފައިވަނީ ސަރަހައްދީ ޤައުމުތަކުން އަންނަ ދުމުން

  • މިއަދު ވައި ހުރީ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައި

  • މެދު ރާއްޖެ ތެރެއަށް ބޮޑަށް އަސަރު ކުރާނެ

ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ވައި ނުސާފުވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

އެ އިދާރާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވައި ނުސާފުވުމުގެ އަސަރު މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއަށް އޭގެ އަސަރު ބޮޑުވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރައްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވެފައިވަނީ އިންޑިއަން ސަބް ކޮންޓިނެންޓުން އަންނަ ދުމުގެ ސަބަބުންކަމަށެވެ. ވައި ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެގޮތުން، ސާފު ދުވަހެއްގައި 10 މީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް މިހާރު ލޮލަށް ފެންނަ ދުރުމިން 5 ކިލޯ މީޓަރަށްވުރެ ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެ އިދާރާއިން ވިދާޅުވީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން، މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. ވިއްސާރަވެއްޖެ ނަމަ ވައި ސާފުވާނެ ކަން ފާހަގަކުރައްވައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ހަތަރު ދުވަހަށް ވެސް ވިއްސާރައިގެ އަސަރެއް ނުފެންނަ ކަމަށާއި އެހެންކަމުން ވައި ނުސާފުވާނެކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި އެވަގުތެއްގެ ވައިގެ މިސްރާބު ސާފު މިންވަރު ނުވަތަ "އެއަރ ކޮލިޓީ އިންޑެކްސް" އައި.ކިއު އެއަރ އެޕްލިކޭޝަނުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައި މިއަދު ހުރީ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. މި މިންކުރުމުގައި ބުނާގޮތުގައި ރާއްޖޭގެ ބައެއް ހިސާބުތަކުގެ ވައިގެ ސާފުމިން މިވަގުތު ހުރީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރަނގަޅު މިންވަރެއްގައެވެ. މި ދަރަޖައިގައި ހުންނައިރު ޚާއްސަކޮށް ނޭވާލާ ނިޒާމު މައްސަލަ ހުންނަ މީހުންނަށް ނުރައްކާ ބައެއް ހާލަތްތަކުގައި ބޮޑުވެއެވެ. އަދި އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު މިންވަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއެވެ.

ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިވުމުގެ ގޮތުން، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. މި ދުވަސްވަރު ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމާއި ތުއްތު ކުދިން ބޭރަށް ނުނެރުމާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި ބޭރުގައި ކަސްރަތުކުމާއި ކުޅިވަރު ކުޅުންފަދަ ކަންކަން މަޑުޖައްސާލުމަކީ ވެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެކެވެ.

ރާއްޖޭގެ ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ބައެއް ދުވަސްވަރު ރާއްޖެއިން ފެންނަ މަންޒަރެކެވެ. އެގޮތުން މީގެ ކުރިންވެސް ޑިސެމްބަރުމަހާއި ޖެނުއަރީ މަހުގެ ކުރީ ކޮޅު މި މައްސަލަ ރާއްޖެއަށް ކުރިމަތިވެފައިވެއެވެ.