ޚަބަރު

މަޖިލިސް އިންތިޚާބުގައި ވޯޓު ފޮށްޓަކަށް ގިނަވަގެން ވޯޓުލާނީ 600 މީހުން


  • ވޯޓުލާ މީހުންގެ އަދަދު އިތުރު ކުރަން މަސައްކަތް ކުރާނެ

  • ކިއުގައި ނުޖެހި ފަސޭހަކަމާއެކު ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސާނެ

  • 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބޭ

އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓު ފޮށްޓަކަށް ގިނަވެގެން ވޯޓުލާނީ 600 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ ވޯޓުލާން ދާ މީހުންގެ އަދަދު މަދުވާނެ ކަމަށާއި ކިއުގައި ތިބެންޖެހުމުން ދަތިވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ވޯޓުލާން ދާ މީހުންނަށް ލުއި ގޮތްތައް ހޯދައިދީ، ވޯޓުލާ މީހުންގެ އަދަދު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ. ޢާންމުކޮށް މަޖިލިސް އިންތިޚާބުތަކުގައި ވޯޓު ލަނީ 70 އިންސައްތަ މީހުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެންމެ ފަހުން ބޭއްވި 19 ވަނަ މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް 1000 އާއި 1200 އާ ދެމެދުގެ އަދަދެއްގެ މީހުން ވޯޓުލާފައިވާ ކަމަށެވެ. އޭގެ ސަބަބުން ކިއުގައި ޖެހިގެން ތިބެން ޖެހޭ ވަގުތު އިތުރުވިއިރު މިފަހަރު އެކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ވޯޓު ފޮއްޓަކަށް ގިނަވަގެން ވޯޓު ލާނީ 600 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިބަދަލުގެ ސަބަބުން ކިއުގައި ނުޖެހި ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވުމުގެ އިތުރުން ވޯޓު ގުނުންވެސް އަވަސްވެގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ފޮއްޓެއްވެސް އެއް ގަޑިއިރު ތެރޭގައި ގުނާ ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާން ކުރި ނަމަވެސް ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާން ނުކުރެއެވެ. އާއްމުކޮށް އިންތިޚާބުތަކުގައި ވޯޓުލަނީ ހެނދުނު 8:00 ން ހަވީރު 16:00 އަށެވެ.

މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި 17 މާރިޗު ކަނޑައެޅީ އިންތިޚާބު، ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތައް ދިމާވާނެކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވެއެވެ. އެއީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ.