ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ޓެންޓް ސްޕޯޓްސް ކުލަބުން ހޯދިއިރު، އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސްއިން ހޯދައިފިއެވެ.
ހޭންޑްބޯޅަ އައުޓްޑޯ ކޯޓުގައި ރޭ ކުޅުނު ފިރިހެން ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު ޓެންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ފިއޮންތި ސްޕޯޓްސް ކުލަބު އަތުން 30-15 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓެންޓުގެ އަޙްމަދު ފިރާޝްއެވެ.
ފިރިހެން ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޓެންޓުގެ އަބްދުﷲ ޒިމާމާއި، އިބްރާހީމް ހައިޘަމް އަބްދުﷲ އާއި، ފިރާޝާއި، އަޙްމަދު އަބްދުލް ސައްތާރާއި، އިސްމާޢީލް ޝުއާއުގެ އިތުރުން ފްލައިން އީގަލް ސްޕޯޓްސް ކުލަބުގެ އަބްދުﷲ އައްޒާމް އަދި ބޮންތި ސްޕޯޓްސް ކުލަބުގެ ފިރުޝާން މުޙައްމަދެވެ. މި ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ވެލިދޫ ޔުނައިޓެޑުގެ މުޙައްމަދު ޔަޝްމު އަޙްމަދެވެ.
މީގެ އިތުރުން ރޭ ކުޅުނު އަންހެން ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު ތުޅާދޫ ޔަންގް އީގަލް ސްޕޯޓްސްއިން ކާމިޔާބުކުރީ ސުޕަ ޖެނެރޭޝަން ކުލަބު (އެސްޖީސީ) އަތުން 32-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތުޅާދޫ ޓީމުގެ ޒުހާ ހަސަނެވެ.
އަންހެން ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ތުޅާދޫ ޓީމުގެ ޝިޒްނާ ރަޝީދާއި، ޒުހާ އާއި، އާމިނަތު ފަޒްލާ އާއި، ކައުސަރު އާދަމް ސައީދާއި، މަރިޔަމް ލީން އަޙްމަދުގެ އިތުރުން އެސްޖީސީގެ އާމިނަތު ޝުދާ އަދި ޔޫތު ސްޕޯޓްސް ކުލަބުގެ ފާތިމަތު ނިއުޝާއެވެ. މި ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ހޯކްސް ސްޕޯޓްސް ކުލަބުގެ ފާތިމަތު ލީމް ރިޝާދެވެ.
ރޭގެ މެޗުތަކާއެކު 2023 ވަނަ އަހަރުގެ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ނިންމާލިއިރު، ވިއްސާރައިގެ ސަބަބުން މަހެއްހާ ދުވަހަށް މުބާރާތުގެ ފައިނަލް މެޗުތައް ފަސްކުރަން ޖެހުނެވެ. މި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ވެލިދޫ ޔުނައިޓެޑުން ހޯދިއިރު, އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އޮރިކްސް ހޭންޑްބޯލް ކުލަބުންނެވެ.