އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަަމަ ލަނޑު ޖަހައި ކުރިހޯދީ ސިޓީންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ކައިލް ވޯކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުކާސަލުން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗު 35 ވަނަ މިނެޓުގައި ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކް ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އެ ޓީމަށް ލީޑު ހޯދައިދިނީ އިނގިރޭސި ފޯވާޑް އެންތަނީ ގޯޑެންއެވެ.
މި މެޗުގެ ދެވަަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ސިޓީން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ 69 ވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހިސާބުންނެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޑި ބްރޭނާ ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މި މެޗުން ސިޓީ މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޑި ބްރޭނާގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އޮސްކާ ބޮބްއެވެ. މި މެޗަކީ އަނިޔާގެ ސަބަބުން ފަސް މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް، ޑި ބްރޭނާ ލީގުގައި ކުޅުނު ފުރަތަަމަ މެޗެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު މިހާތަނަށް ކުޅުނު 20 މެޗުން ސިޓީއަށް 43 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް ލިވަޕޫލަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ މެޗުން ބަލިވި ނިއުކާސަލް އޮތީ ތާވަލުގެ 10 ވަނައިގައި ކުޅުނު 21 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ.