އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ގިނީ ބިސާއު ބަލިކޮށް، މުބާރާތް ބާއްވާ ގައުމު ކަމަށްވާ އައިވަރީ ކޯސްޓުން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.
މުބާރާތް ހުޅުވަން ގުރޫޕް އޭގައި ރޭ ކުޅުނު މެޗު އައިވަރީ ކޯސްޓުން ކާމިޔާބުކުރީ 2-0 ގެ ނަތޖާއަކުންނެވެ.
މި މެޗުގެ ކޮންމެ ހާފެއްގައި އައިވަރީ ކޯސްޓުން ލަނޑެއް ޖެހިއިރު، ގިނައިރު ބޯޅަ ގެންގުޅުނީވެސް އެ ޓީމުންނެވެ. އެހެން ނަމަވެސް މެޗުގައި ގިނަ ހަމަލާ އުފެއްދުމުގައި ކާމިޔާބު ހޯދީ ގިނީ ބިސާއު ޓީމުންނެވެ. މި މެޗުގައި އައިވަރީ ކޯސްޓުން ލީޑު ނެގީ މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. ފްރެންކް ކެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސެކޯ ފޮފާނާއެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އައިވަރީ ކޯސްޓުން ވަނީ ދެވަނަ ލަނޑެއް ޖެހުމާ ގާތަށްވެސް ޖެހިލާފައެވެ. އެގޮތުން އުޕަރިން ޖެކޯ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. މި މެޗުގައި އައިވަރީ ކޯސްޓުން ލީޑު ފުޅާކުރީ މެޗުގެ 58 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖީން ފިލިޕް ކްރަސޯއެވެ.
މި މުބާރާތަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެކަމަކު އެފްރިކާ ބައްރަށް ކުރިމަތިވާ ވިއްސާރަ މޫސުމުގެ ސަބުބުން މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތް މި އަހަރު ބޭއްވުމަށް ބަދަލުގެނައިރު، އެފްކޮންއިން ވަނީ މުބާރާތް ބޭއްވުމަށް އެއް ބިލިޔަން ޑޮލަރު ޚަރަދުކޮއްފައެވެ.
މުބާރާތް ބާއްވާ ގައުމު ކަމަށްވާ އައިވަރީ ކޯސްޓުން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން އަމާޒުހިފާފަވާއިރު، އެންމެ ފުރަތަމަ އެ ޓީމުން މުބާރާތް ކާމިޔާބުކޮށްފަވަނީ 1992 ވަނަ އަހަރެވެ. އަދި އެންމެ ފަހުން މުބާރާތް އައިވަރީ ކޯސްޓުން މުބާރާތް ކާމިޔާބުކުރީ 2015 އަހަރެވެ.