މާލެ ސިޓީ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި- އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. 
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 45 އިންސައްތަ ވޯޓުންނެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭތް އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާއަށް ލިބިވަޑައިގެންނެވީ 29 އިންސައްތަ ވޯޓެވެ. 
މި އިންތިޚާބުގައި އާޒިމް އާއި އާޒިމާގެ އިތުރުން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދު އާއި ޝުއައިބު އަލީ އެވެ. 
ވަގުތީ ނަތީޖާއިން އާޒިމް އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ދައްކާތީ އެ އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުން ވެސް ވަނީ އާޒިމް އަށް މަރުޙަބާ ވިދާޅުވެފައެވެ. 
މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި މާލޭގައި 55 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. މި އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 30 އިންސައްތަ މީހުން ކަމަށް އީސީން ވިދާޅުވެއެވެ. 
މިއަދުގެ އިންތިޚާބުގައި ވޯޓުލި މީހުންގެ އަދަދު އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްވުރެ ދަށްކަން އީސީގެ ރައީސް ފުއާދު ތައުފީގު ފާހަގަކުރެއްވިއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ހޮވުމަށް ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 40 އިންސައްތަ މީހުން ވޯޓުލިއެވެ.
 
މާލެ ސިޓީ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.