ކުޅިވަރު

ޓީނޭޖް ހާޒިރުނުވުމުން ނިއު ރޭޑިއަންޓަށް މެޗު ލިބިއްޖެ


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ކުލަބު ޓީނޭޖް ހާޒިރުނުވުމުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް މެޗު ލިބިއްޖެއެވެ.

މިއަދުގެ މެޗަކީ ނިއު ރޭޑިއަންޓުން ދެވަނަ ޑިވިޝަނުގައި ކުޅެން ތާވަލުކުރި ދެވަނަ މެޗެވެ. އެގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އޮތް މެޗަކީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެކަމަކު ވިއްސާރަވުމުގެ ސަބަބުން އެ މެޗު ވަނީ މި މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

މިއަދު ކުޅެން އޮތް މެޗަށް ނިއު ރޭޑިއަންޓް ހާޒިރުވި ނަމަވެސް ޓީނޭޖުގެ ކުޅުންތެރިން ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން މެޗު ފަށަން ކުޑަތަންވިއިރު, ދަނޑަށް ހާޒިރުވީ އެ ޓީމުގެ އެންމެ ދެ ކުޅުންތެރިން ކަމަށް މައުލޫމާތުލިބެއެވެ. އެހެންކަމުން މެޗު ކޮމިޝަނަރު ވަނީ ޓީނޭޖް ދަނޑަށް ހާޒިރުނުވާ ކަމަށް ނިންމައި، އެ މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ކަމަށް ނިންމާފައެވެ. އެހެންކަމުން އެ ޓީމަށް ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑު ލިބޭނެއެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު އެ މެޗުގައި ކުޅެން ހަމަޖެހިފައިވާ ޓީމެއް ދަނޑަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ހާޒިރުވެ މެޗު ނުކުޅެފިނަމަ، އަދި އެއްވެސް ސަބަބަކާ ހުރެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ނުކޮށް ދެ ޓީމުން ކުރެ ޓީމެއްގެ އިހުމާލުން މެޗު ހުއްޓާލަން ޖެހިއްޖެނަމަ، އެ އަމަލެއް ހިންގި ޓީމެއް ތިރީސްހާސް ރުފިޔާ އާއި ފަންސާސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ބައެއް ހާލަތްތަކުގައި އެ ޓީމެއް މުބާރާތުން ވަކިކުރުމާއި ނުވަތަ ކުރިއަށްހުރި މެޗުތަކާއި މުބާރާތްތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމުމުގެ އިޚުތިޔާރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބެއެވެ.

މިއަދުގެ މެޗަށް ޓީނޭޖް ހާޒިނުވިއިރު، މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މި މަހުގެ ފަސްވަނަ ދުވަހު ނުކުތީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން ޓީނޭޖް ވަނީ 6-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ވާދަކުރަމުން އަންނައިރު، މިއީ ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބު މި މުބާރާތައި ވާދަކުރާ ދެވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ނިއު ރޭޑިއަންޓް އޮތީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން އޮތީ ޓީނޭޖާއި، ދަ ގްރާންޑޭ އަދި ބީޖީގެ އިތުރުން ޓެންޓް ސްޕޯޓްސް ކުލަބެވެ. ތިން ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 15 ޓީމެއް ވަނީ ބައިވެރިވެފައެވެ.