މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގައި މެންދުރު 3:00 ޖެހުމާއި ހަމައަށް ވޯޓްލީ އެންމެ %21.78 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. 
މިއަދު ކުރިއަށްދަނީ މާލެ ސިޓީ މޭޔަރާއި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާއަކަށާއި މ.މުލަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންތަކެވެ. 
މިއަދު ކުރިއަށްދާ ބައި އިލެކްޝަންތަކުގައި ވޯޓްލުމުގެ ހައްގު 56،002 މީހަކަށް ލިބިފައިވެއެވެ. ނަމަވެސް މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް ވޯޓު ލާފައިވަނީ 12،198 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެއީ ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 21.78 އިންސައްތަ މީހުންނެވެ. 
މިހާތަނަށް ވޯޓްލާފައިވާ 12،198 މީހުންގެ ތެރޭގައި ހިމެނެނީ 5،400 އަންހެނުންނާއި 6،798 ފިރިހެނުންނެވެ.
އެހެން ބައެއް ބޮޑެތި އިންތިޚާބުތަކަށްވުރެ މިއަދު ކުރިއަށްދާ ބައި އިލެކްޝަނުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދުކަމުން ވީހާވެސް ގިނަ މީހުން ވޯޓުލާން ނުކުތުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެއެވެ. 
މިއަދުގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ހަވީރު 5:00އާ ހަމައަށެވެ. އަދި ބައި އިލެކްޝަންގެ ވަޤުތީ ނަތީޖާ މިރޭ 20:00ގެ ކުރިން އިއުލާން ކުރެވޭނެކަމަށް އީސީން ލަފާ ކުރައްވައެވެ.