މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގެ ފުރަތަމަ ފަސް ގަޑިއިރު ތެރޭގައި ވޯޓުލީ މީހުންގެ ނިޞްބަތް ދަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 
އިލެކްޝަންސް ކޮމިޝަން (އީސީ)ން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެންދުރު 12:00އާ ހަމައަށް ވޯޓު ލާފައިވަނީ 6،201 މީހުންނެވެ. އެއީ ޖުމްލަ ވޯޓު ލެވޭ މީހުންގެ 11.07 އިންސައްތައެވެ. އީސީން ވިދާޅުވި ގޮތުގައި 12:00 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 2،595 އަންހެނުންނާއި 3،606 ފިރިހެނުންނެވެ. 
މިއަދު ކުރިއަށްދާ ބައި އިލެކްޝަންގައި މާލެ ސިޓީ މޭޔަރާއި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން ދާއިރާގެ މެންބަރުންގެ އިތުރުން މ.މުލަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރަކު ހޮވާނެއެވެ. މި އިންތިޚާބުތަކުގައި ޖުމްލަ 56،002 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. 
		
			
އެހެން ބައެއް ބޮޑެތި އިންތިޚާބުތަކަށްވުރެ މި ބައި އިލެކްޝަނުގައި މިހާތަނަށް ވޯޓުލި މީހުންގެ ނިޞްބަތް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށް އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މާލެ މޭޔަރުގެ އިންތިޚާބު ވެސް ކުރިއަށްދާތީ ވީހާ ވެސް އަވަހަށް ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ޒަކަރިއްޔާ އެދިވަޑައިގެންނެވިއެވެ. 
މިއަދުގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ހަވީރު 17:00އާ ހަމައަށެވެ. ބައި އިލެކްޝަންގެ ވަޤުތީ ނަތީޖާ މިރޭ 20:00ގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް އީސީން ލަފާ ކުރައްވައެވެ.