ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށް މީގެކުރިން މުސާރަ ދެމުން އައީ ތަފާތުކުރުންތަކާއެކު ކަމަށާއި، އެ ފަރަގު ނައްތާލުމަށްފަހު 2025 ވަނަ އަހަރު މިހާރު ދެމުން އަންނަ މުސާރައަށްވުރެ ބޮޑު މުސާރައެއް ދޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ކުޅުންތެރިންގެ މުސާރައިގެ ލަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ނިމިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހުގެ ތެރޭގައި ކުޅުންތެރިންގެ މުސާރަ ނުދެވި ލަސްވި ކަމަށެވެ. ނަމަވެސް ސަޕްލިމެންޓަރީ ބަޖެޓުގެ ތެރެއިން މިހާރު އެ ފައިސާތައް ދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ދެމުން އަންނަ މުސާރައިގެ ފަރަގު ނައްތާލައި، ކުރިން ދެމުން އައި ވަރަށް ވުރެ ބޮޑު މުސާރައެއް 2025 ވަަނަ އަހަރުން ފެށިގެން ދެވޭނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ އެއް ކަމަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭ މުސާރަ ބޮޑުކުރުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ނަމަވެސް މި ވަގުތު މުސާރަ ބޮޑުކުރެވެން ނެތީ މި އަހަރަށް ތައްޔާރުކުރި ބަޖެޓުގައި ނުހިމެނޭ ޚަރަދުތަކެއް ކުރަން ޖެހުމުން ކަމަށާއި، އެ ޚަރަދުތަކުގެ ތެރޭގައި އަރުތަ ޕްރޮގްރާމަށް ކުއްލިއަކަށް އިތުރުކުރި ކުޅުންތެރިން ހިމެނޭ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އުޖޫރަ ދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ. މީގެކުރިން ކުޅިވަރުތަކުގެ މެދުގައި ބޮޑު ފަރަގެއް އޮތެވެ. އޭރު ކުޅުންތެރިންނާއި ކުޅިވަރުތަކުގެ ބޮޑު ފަރަގެއް އޮތުމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.