ޚަބަރު

އާރުއޭސީއެލްގެ އެއަރޕޯޓުތަކުން ތެޔޮ ލިބޭނޭ ގޮތް ހަދައި ކުންފުނި މާލީ ގޮތުން ބާރުވެރިކުރަނީ


  • ދައުލަތުން ކުންފުންޏަށް ކުރާ ޚަރަދު ވީހާވެސް ކުޑަކުރަން މަސައްކަތް ކުރާނެ

  • ޓޫރިޒަމްގެ ކޮމްޕޯނަންޓްތައް އިތުރުކުރާނެ

  • އެއަރޕޯޓުތަކުގައި ހުސްކޮށް ހުރި ބިންތަކުގައި ކޮމާޝަލް ޚިދުމަތްތައް ފަށާނެ

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އާރުއޭސީއެލްއިން ހިންގަމުންދާ އެއަރޕޯޓުތަކުގައި މަތިންދާ ބޯޓުތަކަށް ބޭނުންވާ ތެޔޮ ލިބެން ހުންނަ ގޮތް ހަދައި، ކުންފުނި މާލީ ގޮތުން ބާރުވެރިކުރަން މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވީ އާރުއޭސީއެލްގެ އަހަރީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުންޏަކީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގަމުން އަންނަ ކުންފުންޏެއް ކަމަށާއި އަމާޒަކީ ދައުލަތުން ކުންފުންޏަށް ކުރަމުންދާ ޚަރަދު ވީހާވެސް ކުޑަކުރުން ކަމަށެވެ. އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިއައީ ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައި އަޅުގަނޑުމެންގެ މެންޑޭޓަށް ބަދަލުތަކެއް ގެންނަން. އެ ބަދަލުތަކުގެ ތެރޭގައި ޓޫރިޒަމްގެ ކޮމްޕޯނަންޓްތައް އަޅުގަނޑުމެން އިތުރުކޮށް، އަދި އަތޮޅުތެރޭގެ އޮޕަރޭޝަންތަކުގައި ހުސްކޮށް ހުރި ލޭންޑުތައް އެކިއެކި ކޮމާޝަލް ކަންތައްތަކަށް ބޭނުންކުރަން، އަދި ފިޔުލް ލިބެން ނެތް ތަންތަނުގައި ފިޔުލް ލިބުމުގެ ޚިދުމަތް ފަށާ، ކޮމާޝަލީ ވަޔަބަލް ކުންފުންޏަކަށް ހަދަން ގިނަ މަސައްކަތްތަކެއް މިދަނީ ކުރެވެމުން،" ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސްފަދަ ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏެއް ވެސް ވާން ޖެހޭނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުނިތަކަށް ކަމަށެވެ. އެކަމުގައި ސަރުކާރުގެ ވުޒާރާތަކުގެ އެއްބާރުލުން ބޭނުންވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އާރުއޭސީއެލްއަށް ތިން އަހަރު ފުރިފައިވާއިރު އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުން އަމިއްލައަށް އިސްނަގައިގެން އޮފީސް ޒީނަތްތެރިކުރުމާއި ކުންފުނީގެ ދަށުން ހިންގާ އެއަރޕޯޓުތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް މުބީން ފާހަގަކުރެއްވިއެވެ.

އަހަރީދުވަހުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެޖަލްސާ އޮންނާނީ އަންނަ ހަފުތާ ބަންދުގައި ކަމަށް މުބީން ވިދާޅުވިއެވެ. އެޖަލްސާގައި އެކުންފުނީގެ ދަށުން ހިންގާ އެއަރޕޯޓުތަކުގެ މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށާއި ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ޚާއްސަކޮށްގެން ދަތުރު ދިއުމުގެ ހަރަކާތެއް ރާވާފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.

އާރުއޭސީއެލް އަކީ 11 ޖެނުއަރީ 2021 ގައި އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން ރާއްޖޭގެ ހަތް އެއަރޕޯޓެއް މިވަގުތު ދަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓާއި، ކުޅުދުއްފުށި އެއަރޕޯޓާއި، ފުނަދޫ އެއަރޕޯޓާއި، ހޯރަފުށި އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓާއި، ފަރެސްމާތޮޑާ އެއަރޕޯޓު ހިމެނެއެވެ.