އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަަމަ ލެގުގައި ރޭ މިޑްލްސްބްރާއިން ޗެލްސީ ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވެދިޔަ 18 އަހަރުގެ ތެރޭގައި މި ދެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިިން ޗެލްސީ ބަލިވި ފުރަތަަމަ ފަހަރެވެ. އެގޮތުން މި މެޗުގެ ކުރިން ޗެލްސީ އެންމެ ފަހުން މިޑްލްސްބްރާ އަތުން ބަލިވެފައިވަނީ 2006 ވަނަ އަހަރު ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުންނެވެ.
އީއެފްއެލް ޗެމްޕިއަންޝިޕް ނުވަތަ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މިޑްލްސްބްރާއިން ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އަދި މެޗުގެ ފުރަތަަމަ 20 މިނެޓުގެ ތެރޭގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.
މި މެޗުގައި ޗެލްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފުރަތަމަ ހާފުގައި މިޑްލްސްބްރާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކަކުން މި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ހެޑެން ހެކްނީއެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ފޯވާޑް ޖޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
މި މެޗުގެ ދެވަަނަ ހާފުގައި ޗެލްސީން ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރި ނަމަވެސް، މި މެޗުގައި އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން އެ ޓީމުގެ ކޯނޯ ގަލެގާ އާއި ނޯނީ މަޑއޭކޭއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ
މި މެޗުން ޗެލްސީ ބަލިވިއިރު، މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގެ ފުރަތަަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ނުކުންނާނީ ފުލަމާ ދެކޮޅަށެވެ.