ޚަބަރު

ރިސާލަތު ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ތަފާތު ޢުމްރާ ދަތުރެއް


  • ޢުމްރާ ޓުއަރ އަމާޒުކުރަނީ ކޮލެޖު އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް

  • މިއީ ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރާގޮތް ތަޖުރިބާ ކޮށްލުމުގެ ފުރުސަތެއް

  • މަޤްސަދަކީ އިސްލާމްދީނާއި ޙަޟާރަތާއި ބެހޭ މުހިންމު މަޢުލޫމާތު އަންގައިދިނުން

"އިސްލާމީ ރިސާލަތު" ނަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ޚާއްސަކޮށް ތަފާތު ޢުމްރާ ދަތުރެއް ކުރިއަށްގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑައިރެކްޓަރ ޒީނާ މުޙައްމަދު ވިދާޅުވީ، އެ ވުޒާރާއިން ފެށުމަށް ހަމަޖެހިފައިވާ "ރިސާލަތު ޕްރޮގްރާމް 2024" ތެރެއިން ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ޢަމާޒުކޮށް ޢުމްރާ ދަތުރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާ ޓުއަރއަކީ ޒުވާން ޖީލަށް ހައްޖުގެ އަޅުކަމާއި ޢުމްރާގެ އަޅުކަން އަދާކުރާ ގޮތް ރަނގަޅަށް ފަޙުމްކޮށްދީ، ހައްޖު އަދި ޢުމްރާއަށް ލޯބި ޖެއްސުމުގެ ގޮތުން ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެއް. ޓުއަރގެ ސަބަބުން ހައްޖު އަދި ޢުމްރާގެ މަތިވެރި އަޅުކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ." އެސިސްޓެންޓް ޑައިރެކްޓަރ ޒީނާ މުޙައްމަދު ފާހަގަކުރެއްވިއެވެ.

ޢުމްރާ ދަތުރާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އައްޝައިޚު މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަކީ ހަމައެކަނި ޢުމްރާ ދަތުރެއް ނޫންކަމަށާއި އޭގެ ތެރޭގައި ތަރުބަވީ ބައިތަކެއް ހިމެނިގެންދާނެ ކަމަށެވެ.

އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ތަރުބަވީ ބައިތަކެއް ޢުމްރާ ދަތުރުގެ ތެރެއަށް ލުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކާއި، އެ ވުޒާރާއާއި ދެމެދު މަޝްވަރާތައް ކުރެވިގެންދާނެކަމަށް ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ވަޒީރުގެ ނައިބު ވިދާޅުވީ ސައުދީ ޢަރަބިއްޔާގެ ރަސްމީ އިދާރާތަކާއި ގުޅިގެން އާންމު ދަތުރުތަކުގައި ޒިޔާރަތް ނުކުރެވޭ ތަންތަނަށް ދަރިވަރުން ޒިޔާރަތް ކުރެވޭގޮތް ހެދިގެންދާނެ ކަމަށެވެ. އެގޮތުން މި ފަހަރުގެ ރިސާލަތު ޕްރޮގްރާމަށް ކުރެވިފައިވާ ޕްލޭންގައި ހިމެނިގެންދާ ޢުމްރާ ދަތުރަކީ ކޮލެޖް އަދި ޔުނިވަރސިޓީ ތަކަށް ޢަމާޒުކޮށް މި ޢުމްރާ ދަތުރަށް ފުރުސަތު ލިބިގެންދާނީ މިނިސްޓްރީން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ހޮވާލެވޭ ދަރިވަރުން ކަމަށް ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

"ޓުއަރގެ ތެރެއިން މައިދާންތަކަށް ޒިޔާރަތްކުރުމާއި، ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިޔަރަތާއި ގުޅޭ ކުތުބުޙާނާތަކަށް ޒިޔާރަތްކުރުން ފަދަ ބައިތައް ޢުމްރާ ޓުއަަރގެ ތެރޭގައި ހިމެނިގެން ދާނެ. މަޤްސަދަކީ ޢުމްރާ ޓުއަރގެ ތެރެއިން ދަރިވަރުންނަށް އިސްލާމީ ޙަޟާރަތާއި އިސްލާމްދީނާއި ބެހޭ މައުލޫމާތު ލިބިގެންދާ ތަރުބަވީ ޓުއަރއަކަށް ޓުއަރ ހެދިގެން ދިއުން." ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ވިދާޅުވީ، ރިސާލަތު ޕްރޮގްރާމްގެ ސަަބަބުން އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް އުފެދިގެން ދިއުމާއި ފަރުޞު 5 ނަމާދަށް ސަމާލުކަންދީ ޖަމާއަތްތަކުގައި ނަމާދުކުރާ މުޖުތަމަޢުއެއް ބިނާ ކުރުމަކީ ހާސިލްކުރަން ބޭނުންވާކަމެއްކަމަށެވެ.

އޭގެ އިތުރުން މި ޕްރޮގްރާމުން އިސްލާމްދީނުގެ ރުކުންތަކަށް ޢަމަލުކުރާ އީމާންކަމުގެ ރުކުންތައް ޤަބޫލުކުރާ ޖީލެއް ބިނާ ކުރުމާއި އެއްބައިވަންތަ މުޖުތަމަޢުއެއް ހާސިލްކުރަން ބޭނުންވާ ޕްރޮގްރާމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.