ޚަބަރު

ޑްރޯން ބޭނުންކޮށްގެން ކާގޯ ޚިދުމަތް ދިނުމަށް ދިރާސާއެއް ކުރަނީ


  • ދިރާސާ ކުރަނީ އެމްއެންޔޫގެ އެހީތެރިކަމާއެކު

  • ކާގޯ ފޮނުވަންޖެހޭ މިންވަރު ދެނެގަންނާނެ

  • ޑްރޯނުން ކާގޯ ފޮނުވުމަށް ޚަރަދުކުޑަވާނެ

  • ޑްރޯން ޝޯވއެއް ބޭއްވުމަށް މަސައްކަތްކުރަނީ

ރާއްޖޭގައި ޑްރޯން ބޭނުންކޮށްގެން ކާގޯގެ ޚިދުމަތް ދެވޭތޯ ބެލުމަށް ޤައުމީ ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ. މި ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ރީޖަނަލް އެއަރޕޯޓްސްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫ ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން ކާގޯގެ ޚިދުމަތް ފެށުމަށްޓަކައި އެކަމުގެ ދިރާސާއެއް ކުރިއަށްގެންދިޔުމަށް މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މި ދިރާސާ ކުރިއަށްގެންދާނީ އެމްއެންޔޫއާއި ދުބާއީގައި ޑްރޯން ޚިދުމަތް ދޭ ކުންފުންޏަކާ ގުޅިގެން ކަމަށް މުބީން ވިދާޅުވިއެވެ. އެގޮތުން މި ދިރާސާގައި ބޮޑެތި ރަށްތަކުން މަޢުލޫމާތުތައް ނަގާ ރާއްޖޭގައި ކާގޯ ނީޑް އޮތް މިންވަރު އެނގިގެންދާނެކަމަށެވެ. އަދި އަވަހަށް ހަލާކުވާ މުދާ ރަށްރަށް ފޮނުވަންޖެހޭ މިންވަރު ނުވަތަ ކިހާ އަވަސްއަވަހަށް ފޮނުވާންޖެހޭކަން އެނގިގެންދާނެކަމަށެވެ.

މުބީން ވިދާޅުވީ، ޑްރޯންއެއްގައި 150 އެއްހާ ކިލޯގެ ސާމާނު އުފުލޭނެކަމަށާއި، ޚަރަދުގެ ގޮތުންވެސް ޑްރޯންއިން މުދާ އުފުލުމަށް ކުޑަވާނެކަމަށެވެ.

"އަޅުގަނޑުމެން ވާހަކަދައްކައިފިން ކާގޯ އޮޕަރޭޓް ކުރާ ފްލައިޓްތަކާވެސް. 10 ކިލޯއިން ފެށިގެން 150 ކިލޯއަށް ދެމެދު މުދާ އުފުލޭނެ ޑްރޯންސް އެބަ ހުރޭ. އަޅުގަނޑުމެން ހެލްތް މިނިސްޓްރީއާއެކު މަސައްކަތް އެބަކުރަން މި ޑްރޯން ކާގޯގެ ޚިދުމަތް ފެށުމުން ބޭސްވެސް އޭގައި ހިމަނައިގެން ފޮނުވުމަށް." ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވިއެވެ.

ޑްރޯން ބޭނުންކޮށްގެން ކާގޯ ޚިދުމަތް ދެވޭތޯ ބެލުމަށް ދިރާސާ ކުރުމުގެ އިތުރުން، ރީޖަނަލް އެއަރޕޯޓްސްއިން މިހާރު އަންނަނީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކާ ޑްރޯން ޝޯވއެއް ބޭއްވުމަށްވެސް ތައްޔާރުވަމުންނެވެ.

މިކަމާ ގުޅިގެން މުބީން ވިދާޅުވީ، މި ޝޯވ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެމްއެމްޕީއާރްސީއާއި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެންކަމަށެވެ. މި ޝޯވއަކީ 10،000 މީހުންނަށް އަމާޒުކޮށްގެން ބޮޑެތި ޑްރޯންތަކާއެކު ކުރިއަށް ގެންދާނެ ޝޯވއެއްކަން މުބީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކާގޯ އުފުލުމުގައި މިހާރު އާންމުކޮށް ބޭނުންކުރަނީ ކަނޑުއުޅަނދުފަހަރުތަކާއި، ފްލައިޓްތަކެވެ. މި ޚިދުމަތުގައި ޑްރޯން ބޭނުންކުރުން ވެގެންދާނީ ރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވިގެންދާނެ ކަމަކަށެވެ.