ޚަބަރު

ވިލިމާލޭގައި 10 ބުރިއަށް ޢިމާރާތް ކުރެވޭނެ ގޮތް ހަދައިދޭނަން: ރައީސް


  • 10 ބުރިއަށް އިމާރާތް ކުރެވޭނީ ޤާނޫނަށް ބަދަލު ގެނެސްގެން

  • ވިލިމާލޭގައި ގެދޮރު އެޅުމަށް ސިޓީ ކައުންސިލަށް ވަނީ ހުއްދަ ދީފައި

  • ވިލިމާލޭގައި ޓަރޝަރީ ހޮސްޕިޓަލެއް އަޅާނެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތް ހެދުމަށް ސަރުކާރުން މީގެ ކުރިން ހިފެހެއްޓި ހިފެހެއްޓުން ދޫކުރައްވައި އެ ބަދަލު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ވިލިމާލެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިލިމާލޭގައި ޢިމާރާތް އެންމެ އުސްކޮށް ޢިމާރާތްކުރެވޭ މިންވަރު ބަދަލުކުރުމަށް އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ބޭނުންފުޅުވެ އެހެންނަމަވެސް އެކަން ނުކުރެވި ހުރީ އޭރު ސަރުކާރާއި މަޖިލީހުން އެއްބާރުލުން ނުލިބުމުގެ ސަބަބުންކަމަށެވެ. ވިލިމާލޭގައި 10 ބުރިއަށް ޢިމާރާތް ކުރެވޭ ގޮތް ހަދައިދިނުމަށް ރައްޔިތުން އެދޭ ކަމަށާއި، އެގޮތަށް ބަދަލު ގެނައުމަށް ކުރީ ސަރުކާރުގައި އެދިވަޑައިގެންނެވި ނަމަވެސް އެކަން އޮތީ ނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވިއިރު 2021 ވަނަ އަހަރުގެ އޯގަސްޓް މަހު އެމަނިކުފާނު ވަނީ ވިލިމާލޭގައި ޢިމާރާތް ކުރުމުގެ ޤަވާއިދު އިޞްލާޙުކުރުމަށް އޭރުގެ ސަރުކާރަށް ހުށަހަޅުއްވާފައެވެ. އެ ޤަވާއިދަށް އިޞްލާޙު ގެނެވޭނީ ޕްލޭނިންގ މިނިސްޓްރީން ޤަވާއިދު އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުން ޤާނޫނަށް ބަދަލު ގެނައުމުންނެވެ. މިހާރު އޮންނަގޮތުން ވިލިމާލޭގައި ޢިމާރާތް ކުރެވޭނީ ހަ ބުރިއަށެވެ.

ކުރީ ސަރުކާރުން އެކަމަށް އެއްބާރުލުން ނުލިބުނު ނަމަވެސް މި ސަރުކާރުން އެ ބަދަލު ގެނައުމުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި، މަޖިލީހުންވެސް އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ގެދޮރު ޢިމާރާތް ކުރުމުގައި 10 ބުރިއާ ހަމައަށް ވިލިމާލޭގައި ޢިމާރާތް ކުރެވެން. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. ދެން މަޖިލީހުން އެކަން ކޮށްދޭނެ ކަމަށް މި ބަލަނީ،" ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަ ޚިދުމަތެއް ދިނުމަށް ރާވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ވިލިމާލޭގައި ފައިބަރުގެ މަސައްކަތް ކުރާ ފަރާތްތަކަށް ތިލަފުށިން ޖާގަ ދިނުމަށް ބިން ކަނޑައަޅާފައިވާނެކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ފަށްޓަވާފައިވާ ކަމަށާއި، މަގުހެދުމާއި ފެނާއި ނަރުދަމާގެ މަސައްކަތާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ވިލިމާލޭގައި ގެދޮރު އެޅުމުގެ މަސައްކަތަކީ ވެސް އެމަނިކުފާނު މޭޔަރުކަމުގައި ކުރައްވަން ބޭނުންފުޅުވި ކަމެއް ކަމަށާއި އެމަސައްކަތް ކުރުމަށް މިހާރު ކައުންސިލަށް ހުއްދަ ދެއްވާފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވިލިމާލޭގެ ފެހިކަން ގެއްލޭގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.